އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރުގައި ނުތަނަވަސްކަން ހިނގަމުން ދާ އިރު، ޗައިނާގެ ހަމަލާތަކުން ދިފާއު ވުމަށް އިންޑިއާއިން 3ޑީ ބަންކަރު ހަދަން ތައްޔާރު ވެއްކެއެވެ.

3ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޗައިނާއާއި ދުނިޔޭގެ އެހެން ބައެއް ގައުމުގަކުގައި ތަފާތު އެކި އެއްޗެހި ހެދުމަކީ މިއަދު އާންމު ކަމެކެވެ. ހާއްސަކޮށް ޗައިނާގައި 3ޑީ ޓެކްނޮލޮޖީގެ އެހީގައި ބޮޑެތި ބިލްޑިންވެސް ހަދައެވެ.

މިހާރު އިންޑިއާއިން ތައްޔާރު ވަމުން ދަނީ، ލަދާކް ސަރަހައްދުގައި ކަނޑައަޅާފައި އޮންނަ ލައިން އޮފް ކޮންޓްރޯލް ނުވަތަ (އެލްއޯސީ) ގައި 3ޑީ ޕްރިންޓް ކޮށްފައި ހުންނަ ބަންކަރު ބޭނުން ކުރާށެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ބަންކަރުތަކަކީ، 100 މީޓަރު ކައިރިން ޓޭކްކުން ދޭ ބޮޑުބަޑީގެ ހަމަލާއިންވެސް ރައްކާތެރިވެވޭ ވަރަށް ވަރުގަދަކޮށް ހަދާ ބަންކަރު ތަކެކެވެ.

އޮފިޝަލުން އިތުރަށް ބުނީ، 3ޑީ ޓެކްނޮލޮޖީގެ އެހީގައި ބަންކަރު ހެދުމުން ހަރަދު ކުޑަވެފައި ބަންކަރެއް ހަދަން ދާ ވަގުތު ބޮޑުތަނުން ސަލާމަތް ކުރެވޭ ކަމަށެވެ. އެގޮތުން ބަންކަރެއް 3ޑީ ކޮށް ޕްރިންޓް ކޮށްލަން ނަގަނީ 2-3 ގަޑިއިރު ކަމަށްވެސް އޮފިޝަލުން ބުނެއެވެ. އަދި ބަރުދަނުގައި ހުންނާނީ 40 ކިލޯ ކަމަށާއި، ވަރުގަދަ 2 ސިފައިންނަށް ބަންކަރު ހިފައިގެން ދުވެލާފައި ބޭނުން ތާކަށް ދެވޭނެ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

އިންޑިއާ ސިފައިން މިހާރު ވަނީ ޓެސްޓަކަށް 20 ބަންކަރެއް ޕްރިންޓް ކޮށްފައެވެ. އޮފިޝަލުން ބުނާ ގޮތުގައި، ކުރިއަށް އޮތް މަސްތަކުގައި 100 އެތައް ބަންކަރެއް ޕްރިންޓް ކުރާނެއެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާއިން ވެސް ބޭނުން ކުރަމުން އަންނަ ވައްތަރު ބަންކަރުތަކެއް ކަމަށާއި ލަދާކް ސަރަހައްދުގައި ހަނގުރާމަ ކުރާ ނުވަތަ ފޯރި މަރާ ސިފައިންނަށް މި ބަންކަރުތަކުން އިތުރު ރައްކާތެރިކަން ލިބޭނެ ކަމަށް ވެސް ބުނެއެވެ.

ލަދާކް ސަރަހައްދަކީ، އިންޑިއާއާއި ޗައިނާއިން ދޭތެރެ ދޭތެރެއިން ހަމަލާ ބަދަލުކުރާ ދެގައުމު ގުޅޭ ސަރަހައްދީ އިމެކެވެ. ފިނި އަދި ހިތްގައިމު އެސަރަހައްދުގައި ދެފަރާތުން ބަދަލު ކުރާ ހަމަލާތަކުގައި މީހުން މަރުވެ ޒަހަމްވި ނަމަވެސް ބޮޑު ހަނގުރާމައެއް ނުހިގައެވެ. ބޯޑަރު މައްސަލައަކީ، އެއްގަމު މަގުން ގުޅިފައި އޮންނަ ގިނަ ގައުމުތަކަށް އަބަދުވެސް ބޮޑު މައްސަލައެކެވެ. އިންޑިއާ އާއި ޗައިނާ އިމުގެ މައްސަލައިގައި ތަޅާ ފޮޅާއިރު، ޕާކިސްތާނާއި އިންޑިއާ ހިއްސާ ކުރާ އެލްއޯސީގައި ވެސް ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ހިނގައެވެ.