ޓޭޒާ ގަން އަކީ ޕެޕާ ސްޕްރޭ އަށް ވުރެ ރައްކާތެރި އެއްޗެއް ކަމަށާއި، އަހަރު ނިމުމުގެ ކުރިން އޭގެ ބޭނުންކުރަން ފަށާނެ ކަމަށް، ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ފުލުހުން ވަނީ ބޮޑީ ކެމެރާ އާއި ޓޭޒާ ގަން ބޭނުންކުރާ ގޮތް ނޫސްވެރިންނަށް ދައްކާލައި، މައުލޫމާތު ދީފައެވެ. އެ ސެޝަންގައި މައުލޫމާތު ދެއްވަމުން ކޮމިޝަނަރު ވިދާޅުވީ، ފުލުހުން ކުށްވެރިންނާ ކުރިމަތިލާއިރު، އިތުރު ވަސީލަތްތައް ހުންނަން ޖެހޭ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި، ޓޭޒާ ގަން ބޭނުންކުރުމަށް ފުލުހުން ދަނީ ތަމްރީނު ހަދަމުންނެވެ. ފަސް ދުވަހުގެ ތަމްރީީނުތައް 20 ވަރަކަށް އޮފިސަރުން ފުރިހަމަކޮށްފައިވާ ކަމަށާއި، ތަމްރީނުތައް އެއްކޮށް ނިމުމުން، މި އަހަރު ނިމުމުގެ ކުރިން ޓޭޒާ ގަން ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ޓޭޒާ ގަން ބޭނުންކުރާ ގޮތް ވަނީ ނޫސްވެރިންނަށް ދައްކާލައިފައެވެ. އެ ބަޑި ޖެހުމުން:

  • މީހާ ވަގުތުން ވެއްޓޭ
  • ފަސް ވަރަކަށް ސިކުންތަށް މީހާގެ ހަރަކާތް ހުއްޓޭ
  • ޓޭޒާ ގަން އިން ބޭނުން ނަމަ ވަގުތު އިތުރުކުރެވޭ
  • ބަޑި ބޭނުންކުރުމަށް ފަހު "އާފްޓާ ކެއާ" ދެވޭ
ފުލުހުން ބޭނުންކުރާ ޓޭޒާ ގަންގެ މައުލޫމާތު ސީޕީ ދެއްވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

ހަމީދު ވިދާޅުވީ، މުޅި އޭޝިއާ ސަރަހައްދުގައި ވެސް ޓޭޒާ ގަން ބޭނުންކުރަނީ ދެ ގައުމެއްގައި ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގައި 25 ޓެޒާ ގަން އޮތް އިރު އިތުރު ގަން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

"ނުރައްކާތެރި ކުށްވެރިންނާއި ޓެރަރިސްޓު ހަމަލާ އެއް ހިންގަފާނެ ފަރާތްތަކާއި ފުލުހުން އާންމު މާހައުލުތެރޭ ބައްދަލުވެ ކަންކަން ކުރާއިރުގަ އަޅުގަނޑުމެން އަތުގަ މިހާރު ހުރި އޮޕްޝަންސްތަކަށް ވުރެ އިތުރު ފުރުސަތުތަކެއް ހުންނަން ޖެހޭ ކަމަށް އަޅުގަނޑުމެން އެންމެން ވެސް މިވަނީ ގަބޫލުކުރަން ޖެހިފަ.". ހަމީދު ވިދާޅުވިއެވެ.