ސާފުކުރުމުގެ ތެރެއިން ނިރުފެހި ގެއިން އިންސާނެއްގެ ފައިތިލައެއް ފެނިއްޖެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ 12:30 ހާއިރު މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައިވާ ފުލުހުން މިއަދު ބުނީ އެ ގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރެއިން މީހެއްގެ ފައިތިލައެއް ފެނިފައިވާ ކަމަށެވެ.

އެ ހާދިސާގައި 10 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ހަ ފިރިހެނެއްގެ ކަމަށެވެ. އެއީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން، އިންޑިއާގެ ފަސް ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

އޭގެ ތެރެއިން 3 މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އިންޑިއާއަށް ފޮނުވާފައިވާކަން ފުލުހުން ވަނީ އިއްޔެ ހާމަކޮށްފައެވެ. އަދި ބާކީތިބި މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މަރުވި އެންމެންގެ ހަށިގަނޑުގެ ގުނަވަންތައް މީގެ ކުރިން ހަމަނުވޭތޯ ސުވާލުކުރުމުން ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުން ކަމަށެވެ.