ބޮޑުވަޒީރު ވެރިކަމުން ދުރުކުރީ އެމެރިކާގެ ރޭވުމެއްގެ ދަށުން ކަމަށް ވިދާޅުވެ، މިއަދާ ޖެހެންދެން އެމެރިކާއަށް ފާޑުވިދާޅުވި އިމްރާން ހާން، ރާގު ބަދަލު ކުރައްވައިފިއެވެ.

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާމް ވިދާޅުވީ، މިހާރު ބޭނުން ވަނީ ވެރިކަން އަލުން ލިބިވަޑައިގެންފި ނަމަ އެމެރިކާ އާ ވެސް ގުޅިގެން ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވެރިކަމުން އޭނާ ދުރުކުރި މައްސަލަ މިހާރު ނިމިއްޖެ ކަމަށާއި އެއީ މާޒީ ކަމަށެވެ.

"އަހަރެން ހަވާލުވާން މިއުޅޭ ޕާކިސްތާނަކީ ހުރިހާ ފަރާތަކާ ގުޅިގެން ކުރިއަށް ދާން ޖެހޭ ޕާކިސްތާނެއް، ހާއްސަކޮށް އެމެރިކާ"
އިމްރާން ހާން

އިމްރާން ވިދާޅުވެފައި ވަނީ، ވެރިކަމުން އޭނާ ދުރުކުރުމުގައި އެމެރިކާ އަށް ވުރެ މިހާރު އޮތް ސަރުކާރުގެ ދައުރު ބޮޑުކަމަށެވެ. އެކަމަށް މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ، ޕާކިސްތާނާއި އެމެރިކާ އާ އޮންނަނީ ވެރި މީހާއާއި ބާނދީއާ ދެމެދު އޮންނަ ފަދަ ގުޅުމެއް ކަމަށާއި ވެރިމީހާ ބޭނުން ވީމާ ބޭނުން ކުރަން ކުއްޔަށް ހިފާ ބަޑިއެއް ފަދަ ކަމަށެވެ. އެހެންވީމާ، އޭނާ ގޯސް ކުރައްވާނީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރު ކަމަށެވެ.

މިއަހަރުގެ އޭޕްރީލް 9 ވަނަ ދުވަހު އިތުބާރު ނެތް ކަމަށް ނަގާ ވެރިކަމުން ދުރު ކުރި އިމްރާން އާއި އޭނާގެ ސެކްރެޓަރީ، އެމެރިކާއާ ގުޅޭ ގޮތުން ދެއްކި ވާހަކައެއްގެ އޯޑިއޯވެސް ދާދިފަހުން ލީކް ވިއެވެ. ހަމަ އެފަދަ އޯޑިއޯއެއްގައި މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވާހަކަ ދައްކަވާ އަޑު ވެސް ވަނީ ލީކްވެފައެވެ. އެ އޯޑިއޯތައް އެހާ ބޮޑަށް ވައިގައި ހިފާފައި ނުވި ނަމަވެސް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

ޕާކިސްތާނަކީ ސިޔާސީ މަސްރަހު ހަލަބޮލި ގާތްގާތުގައި ވެރިކަން ބަދަލުވާ ގައުމަށް ވާއިރު، އިމްރާން މިހާރު ނުކުމެވަޑައިގެން ހުންނެވީ އަވަސް އިންތިހާބެއް ހޯއްދެވުމަށް މަގުމަތީގައެވެ. ލާހޯރުން އިސްލާމްއާބާދަށް ފެށި ބޮޑު ހިނގާލުމެއްގައި އޭނާ އަށް ވަނީ ބަޑީގެ ހަމަލާއެއްވެސް ދީފައެވެ. ނަމަވެސް އެ ހަމަލާގައި އޭނާގެ ފައި ޒަހަމްވުން ފިޔަވައި އިތުރު އަނިޔާއެއް ލިބިވަޑައިގެންފައި ނުވެއެވެ.

އެ ހަމަލާ އާ އެކު ހިނގާކުން މެދުކަނޑާލި ނަމަވެސް މިހާރު އަލުން ވަނީ ހިނގާލުން ފަށާފައެވެ. މި ހިނގާލުމުގައި އިމްރާނާއި އޭނާގެ ޕާޓީގެ މެންބަރުން ގޮވާލަމުން ދަނީ އަވަސް އިންތިހާބެއްގެ ތާރީހު ދިނުމަށެވެ.