އިންޑިއާގެ ވެރިރަށް ދިއްލީގައި ޒުވާން އަންހެނަކު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު 35 ބަޔަށް ކުދިކޮށް ކޮށާ 18 ދުވަސް މަތިން، ދިއްލީގެ އެކި ތަންތަނަށް އުކައިފިއެވެ.
މިކަން ކޮށްފައި ވަނީ ރައްޓެހިވެގެން އެކުގައި އެއް ކޮޓަރީގައި އުޅުނު ދެމީހުންގެ ތެރެއިން ފިރިހެން މީހާއެވެ. އިންޑިއާގެ މަހާރާސްތްރަ ސްޓޭޓަށް ނިސްބަތްވާ ދެމީހުން ދިއްލީ އަށް ދިޔައީ އެ ދެމީހުންގެ ކައިވެންޏާ މައިންބަފައިން ނުރުހޭތީ އެމީހުންނާ ދުރަށް ދާން ވެގެންނެވެ. ދެމީހުން ދިއްލީގައި އެއް ކޮޓަރިއެއްގައި އުޅެމުން ދިޔަ އިރު، ވަޒީފާއެއް ހޯދާ، ކޯލް ސެންޓަރަކަށް ދެމީހުންވެސް ދާން ފެށިއެވެ.
އުމުރުން 28 އަަހަރުގެ އާފްތާބް އަމީން ޕޫންވާލާ، އޭނާގެ ލޯބިވެރިޔާ އުމުރުން 26 އަހަރުގެ ޝްރަދާ ވޯކާ މަރާލީ، އަންހެން މީހާ މާގިނައިން ކައިވެނި ކުރަން ކިޔާތީ ކަމަށް ވެއެވެ.
ޕޫންވާލާ، އަންހެން މީހާ މަރާލުމަށް ފަހު ކޮށާ ކުދިކޮށް ކޮޓަރީގައި ހުރި ފްރިޖަކަށް ލައިފައި ބެހެއްޓުމަށް ފަހު، 18 ދުވަހުން ދިއްލީ ތެރެއަށް އުކާ ހުސްކުރީއެވެ. އޭނާ ބުނާ ގޮތުން، އަންހެން މީހާ މަރާ އެގޮތަށް އެކަން ކުރަން ހިތްވަރު ލިބުނީ، ނެޓްފްލިކްސް އިން ދައްކާ ސީރިއަލް ކިލާ، "ދަ ޑެކްސްޓާ" ބަލައިގެންނެވެ. އެ ސީރިއަލް ކިލާގައިވެސް މީހުން މަރާ، ފުރިޖްކުރުމާއި ކޮތަޅު ކޮތަޅުގައި ބަންދުކޮށް އެކި ދުވަސްމަތިން ނައްތާލާތަން ދައްކައެވެ.
ޕޫންވާލާ، ވޯކާ މަރާލިކަން ފަޅާ އެރީ، އެ ހާދިސާއަށް ފަހު، ވޯކާގެ ފޯނު ކޯލެއްވެސް އަދި ސޯޝަލްމިޑިއާ ޕޯސްޓެއްވެސް ނުފެނި ގިނަ ދުވަސްތަކެއް ވެ އޭނާގެ އާއިލާއަށް ޝައްކުވެގެން ދިއްލީއަށް ގޮސް ބެލި ބެލުމުންނެވެ. ވޯކާގެ ބައްޕަ ދިއްލީ އަށް ގޮސް އެމީހުން ދިރިއުޅުނު ތަނަށް ދިޔަ އިރު ތަޅުލާފައި ހުރުމުން، ފުލުހަށް ރިޕޯޓު ކުރިއެވެ. އެއާއެކު ފުލުހުން ކުރި މަސައްކަތުން ޕޫންވާލާ ހޯދާ ސުވާލު ކުރުމުން އޭނާ އެކަން ކުރި ގޮތް ކިޔައި ދިން ކަމަށް ފުލުހުން ބުނެއެވެ.