މިދިޔަ ބުދަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާ ހިނގީ 12:26 ގައި ކަމަށާއި އަލިފާންގަނޑު ފެތުރެން ނެގީ ދޮޅު މިނިޓު ކަމަށް ފުލުހުން ބުނެފިއެވެ.

އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ފުލުހުން ބުނީ ނިރުފެހި ގޭގައި 26 މީހަކު ތިބިއިރު އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު ފަހުން ދިރި ތިބި 2 މީހުން ފެނިފައިވާ ކަމަށެވެ. އަދި އެ ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާދިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރުވެސް އެކަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ނިރުފެހި އިމާރާތްކޮށްފައިވަނީ ލަކުޑިން ޑެގު އަޅައިގެން ދެ ފަންގި ފިލާއަށް ވާގޮތަށް ކަމަށާއި މަތީގައި ހުރި ދެ ފަންގިފިލާއަކީ މީހުން ދިރިއުޅުމަށް ގިނަ ކޮޓަރިތަކެއްގެ މައްޗަށް ހަދާފައި ހުރި ފަންގިފިލާތަކެއް ކަމަށާއި އިމާރާތު ހަދާފައިވާނީ މައިގަނޑު ގޮތެއްގައި ލަކުޑިން ކަމަށެވެ.

އިމާރާތުގެ ގްރައުންޑް ފުލޯގެ ގަރާޖުގެ މުވައްޒަފުން ދިރިއުޅޭ ކޮޓަރިއެއް ހުރިއިރު އިމާރާތުގައި ފުރަތަމަ ފަންގިފިލާގައި 4 ކޮޓަރި އަދި ދެވަނަ ފަންގިފިލާގައި 8 ކޮޓަރި ހުރިއިރު އެއިން ކޮންމެ ކޮޓަރިއަކީ ވަކި ވަކިން ކައްކާ ކެވޭ ގޮތަށް ހުރިތަންކަން ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން ބުނީ އެ ގަރާޖު ހިންގަން ހުއްދަދީފައިވަނީ ހުޅުމާލޭގައި ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށާއި އެ ގަރާޖު ނިރުފެހިގޭގައި ހިންގަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި މެއި 5، 2022 ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން ތަހުގީގުކުރެވި އެ ފަރާތުން މައްސަލަ ހައްލުކުރުމަށް އެ ފުރުސަތު ވަނީ ދިން ކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް ހޯދުނު ހޯދުން ތަކަށް ބަލާއިރު ހާދިސާ ހިނގި ވަގުތު ގަރާޖުގެ މައިދޮރު ހުރީ ބޭރުން ތަޅުލާފައިކަން އެނގޭ ކަމަށާއި އަލިފާނުގެ ހާދިސާގައި ހިނގާފައިވަނީ ކުއްލިއަކަށް ބާރު އަޑުފަށްގަނޑަކާއެކު ގަރާޖުގެ ތެރެއިން ހުޅުފަޅައިގެން ގޮސް ކަމަށާއި އަލިފާން ރޯވުމާއެކު އަލިފާން އިމާރާތުގެ އެހެން ބައިތަކަށް ފެތުރިގެން ގޮސް މުޅި އިމާރާތް އެއްކޮށް އަނދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.