ހުޅުމާލެ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައި ވަނީ ދަރިވަރުން ހެނދުނު ސްކޫލަށް ހާޒިރުވެ، ކިޔެވުން ފެށެން ގާތްވެފައި ވަނިކޮށެވެ.

ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ދުން އަރަމުން ދަނީ އެ ސްކޫލްގެ ފަސްވަނަ ފަންގިފިލާއިންނެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައި ވަނީ ރެހެންދި ސްކޫލުގެ ތިރީ ފަންގިފިލާ އާއި އަދި ފަސްވަނަ ފަންގިފިލާގައި ހުރި ކަރަންޓް ބޯޑެއްގައި ކަމަށެވެ.

އެ ސަރަހައްދަށް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ އުޅަނދުފަހަރު ގޮސް، 7:20 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ރެހެންދި ސްކޫލްގެ ބެލެނިވެރިޔަކު މައުލޫމާތު ދިން ގޮތުގައި، އަލިފާނުގެ ހާދިސާ އާ ގުޅިގެން ރެހެންދި ސްކޫލްގެ ހެނދުނު ދަންފަޅި ކެންސަލް ކޮށް، ދަރިވަރުން ވަނީ މިހާރު ގެއަށް ފޮނުވާލައިފައެވެ.