ލ. މާންދޫގައި ހިންގާ ހޮރައިޒަމް ފިޝަރީޒަށް މަސްވެރިން ވިއްކި މަހުގެ އަގު ނުލިބުމާއި ތެލާއި އައިސް ގަތުމުގެ ދަތިކަމަށް ހައްލު ހޯދައި ދިނުމަށް އެދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އެ ސީޓިގައި ބުނެފައި ވަނީ މާންދޫގައި ގާއިމްކޮށްފައިވާ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އިން މަސްވެރިން ބާނާ މަސް ކިރައި އެ މަހުގެ ފައިސާ ދޫނުކޮށް އެތަކެއް ދުވަހެއް މިހާރު ވެފައިވާ ކަމަށާއި އަދި އެ ފައިސާގެ އަދަދު މިހާރު ވަނީ އެތައް މިލިއަން ރުފިޔާއަކަށް އުފުލިފައި ކަމަށެވެ. މި ކަމުގެ ސަބަބުން މަސްވެރިކަން ކުރާ ފަރާތްތަކާއި އެ މީހުންގެ އާއިލާއަށް ވަނީ ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

ލާމު އަތޮޅުގެ މަސްވެރިން މަސް ވިއްކަން ޖެހެނީ ސަރުކާރުގެ ކުންފުނިތަކުން މަސް ގަންނަ އަގަށް ވުރެ ކުޑައަގެއްގައި ކަމުގައިވީ ނަމަވެސް ތެލާއި އައިސް ގަންނަން ޖެހެނީ ދެކުނުގެ މަސްވެރިންނަށް ތެލައި އައިސް ލިބޭ އަގަށް ވުރެ ބޮޑު އަގުގައި ކަމަށް ވެސް އެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު މަސްވެރިންނަށް ސަބްސިޑީ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ހިމަނާފައިވީ ނަމަވެސް އެ އަތޮޅުގެ މަސްވެރިންނަށް މިކަމުން ލިބެންޖެހޭ މަންފާ ލިބެމުން ނުދާ ކަމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ސިރާޖް ހުށަހެޅުއްވި ސިޓީގައި ވަނީ ބުނެފައެވެ.

ލ. މާންދޫގައި ވިލާ ގްރޫޕުން ހިންގަމުންދާ ހޮރައިޒަން ފިޝަރީޒް ލިމިޓެޑުން 21 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދޭން ޖެހޭ ކަމަށް ބުނެ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މަސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. ފައިސާ ނުލިބޭ މައްސަލައިގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖު ހޫނު ވެ އެ ފުލުހން ގޮސް މަސްވެރިންގެ އިހުތިޖާޖު ކޮންޓްރޯލް ކުރަން ވަނީ މަސައްކަތް ވެސް ކޮށްފައެވެ. އެ ގޮތުން އިހުތިޛޖުގެ ބައިވެރިންނަށް ޕެޕާ ސްޕްރޭ ޖަހާފއި ވިޔަސް މސްވެރިން ނިންމަނީ އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭހާ ހިނދަކު އިހުތިޖާޖު ހުއްޓާ ނުލާނެ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު ވީ އިރު އެ މަސްވެރިންގެ އަނބިދަރިން ވެސް ވަނީ މި އިހްތިޖާޖާ ގުޅިފައެވެ. ފައި މަގުގައި އަންހެނުންނާއި ކުދިން އެ އިހތިޖާޖަށް ގޮސްފައި ވަނީ މިއަދު ހަވީރު ލ. ގަމުންނެވެ. އިހުތިޖާޖުގެ ބައިވެރިން ތިބީ ޝިއޫރު ފާޅު ކުރުމަށް ބޮޑުތައް ވެސް ހިފައިގެންނެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ކައުންސިލާއި އެކު ވަނީ ބައްދަލުވުންތައް ބާއްވަފައެވެ. އަދި ހޮރައިޒަން އާ އެކުވެސް ވަނީ މަޝްވަރާ ކޮށްފައެވެ. މިކަމާ ގުޅިގެން ހޮރައިޒަން އިން ބުނެފައި ވަނީ މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތައް ގޮތަށް އެ ކުންފުންޏަށް މަސް ގަނެ ތެލެއް ނުވިއްކޭނެ ކަމަށާއި އެކި ސަބަބުތަކާ ހުރެ، މަސް ގަތުމުގެ އިންތިޒާމް ފަސޭހަ ކުރުމަށް ކުރަމުން ދާ މަސައްކަތަށް ވަނީ ދަތިތައް ކުރިމަތިވެފައި ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

ހޮރައިޒަން ފިޝަރީޒް ކުންފުންޏަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެކެވެ.