މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން މިހާތަނަށް 135،471 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފިއެވެ.
އެ ރޭ ދަންވަރު 12:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައެވެ. އެ ހާދިސާގައި 10 މީހުން ވަނީ މަރުވެފައެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީގެ ގޮތުގަ އާއި އިވަކުއޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި އެ ފަރާތްތަކަށް ބޭނުންވާ ހައިޖިން ކިޓު ހޯދުމާއި އަދި އޮޕަރޭޝަނަލް ހަރަދުގެ ގޮތުގައި ޖުމްލަ 135،471 ރުފިޔާ މިހާތަނަށް ހަރަދު ކުރެވިފައިވާ ކަމަށެވެ.
އެ ހާދިސާގައި މިހާރު ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ 33 ފަރާތަކަށް ކަމަށާއި އެއީ 15 ބިދޭސީންނާއި 18 ދިވެހިން ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި ވަގުތީ ބޯހިޔާވަހިކަމުގައި ތިބި ސްކޫލް ކުދިން އަނބުރާ ސްކޫލަށް ދިޔުމަށް ބޭނުންވާ އެހީތެރިކަން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށާއި އެ ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމެންޓް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ގެއްލިފައިވާ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުން އަލުން އާރާސްތުކުރުމުގެ މަސައްކަތް ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރަމުންދާ ކަމަށާއި އެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.