އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ފައިވްސްޓާ، ދ. ކުޑަހުވަދޫ، ޒުހައިރާ އިސްމާއީލް މަރުވުމުން އޭނާ ބެއްލެވި އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ އަސަރުގަދަ ވާހަކަތަކެއް ހިއްސާ ކުރައްވައިފިއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ، ޒުހައިރާ އަކީ އުރަމަތީގެ ކެންސަރު ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި އޭނާއާ ބައްދަލުވީ އުރަމަތީގެ ކެންސަރު އޭނާގެ ފުއްޕާމެއާ ހިސާފަށް ފޯރާ އެކަމަށް ފަރުވާ ހޯދުމުގެ ތެރެއިން ކަމަށެވެ. އޭނާގެ މެއަށް ޖަމާވަމުން ދިޔަ ފެންތައް ނައްތާލުމަށްޓަކައި ޒުހައިރާގެ ބުރަކަށީގައި ޓިއުބްތައް ލައްވައިގެން އެ މަސައްކަތް ވެސް ކާމިޔާބު ކަމާ އެކީ ނިންމާލެވުނު ކަމަށް ޑރ. ވިދާޅުވިއެވެ. ނަމަވެސް އެންމެ ފަހުން އޭނާގެ ހުރިހާ ގުނަވަންތަކަކަށް އުރަމަތީގައި ހުރި ކެންސަރުގެ އަސަރު ކުރަން ފެށި ކަމަށް ޑރ. ވިދާޅުވިއެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އޭނާއަށް ފަރުވާ ދިން ފަހަރެއްގައި އޭނާ "ޕެޓެއް" ގެ ގޮތުގައި ގެންގުޅޭ ވަރަށް ރީތި ދެ މަސް ހޮސްޕިޓަލުގައި ގެންގުޅުނު ކަމަށް ޑރ. ވިދާޅުވިއެވެ. އޭރު އޭނާގެ ފަރުވާ އަށް 2 މަހެއްހާ ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހުނު ކަމަށް ވެސް ޑރ. ވިދާޅުވިއެވެ. އެފަހަރު ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުން އެ ދެމަހުގެ ތެރެއިން އެއް މަސް އޭނާ ވަނީ ޑރ. އަށް ހަދިޔާ ކޮށްފައެވެ. އެ މަހުގެ ނަމަކަށް އޭނާ ދީފައިވާ ނަމަކީ މޯފީން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
މޯފީން އަކީ އޭނާގެ ތަދުތަކަށް ލުޔެއް ހޯދައި ދިނުމަށް އޭނާގެ ބޭސް ސިޓީގައި ޑރ. މުހައްމަދު އަލީ ލިޔުއްވާ ބޭހެއް ކަމަށާއި ޒުހައިރާ މަރުވެގެން ދިއުމާ ހަމައަށް ވެސް އެ ބޭސް އޭނާ ބޭނުން ކުރި ކަމަށް ޑރ. ވިދާޅުވިއެވެ. އޭނާއަށް ބޭސް ސިޓީއެއްގައި އެންމެ ފަހު ފަހަރަށް މޯފީން ލިޔެދެއްވީ މިދިޔަ މަހުގެ ފަހު ކޮޅު ކަމަށް ޑރ. ވިދާޅުވިއެވެ.
ގައިގާ އަޅަމުން ދިޔަ ވޭނަށް ލުޔެއް ގެނެސްދިން އެ ބޭހުގެ ނަމުން އޭނާ ގެންގުޅުނު މަހަކަށް ނަންދީފައި އެ މަސް އަދި ޑރ. އަށް ހަދިޔާ ކުރުމަށް ފަހު ޒުހައިރާ މި ދުނިޔެއާ ވަކިވެގެން ދިޔައީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާ ވަކިވެގެން ދިއުމުގެ ހިތާމައިގައި ޑރ. ވިދާޅުވީ، ޒުހައިރާއަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާތޯ ދުއާ ކުރައްވާ ކަމަށާއި އަދި މި ވަގުތު ޒުހައިރާ އޮންނާނީ މޯފީން އާ ނުލައި މާ ރަނގަޅު ތަނެއްގައި ކަމަށެވެ.
މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، އުރަމަތީގެ ކެންސަރަކީ އަންހެނުންގެ ތެރޭގައި ވަރަށް އާންމު ބައްޔެއް ކަމަށެވެ، އެ ބައްޔަށް ފަރުވާ ހޯދޭނީ އެ ކެންސަރު އަށަގަންނަ ކަން ކުރީކޮޅުގައި ދެނެގަނެވިއްޖެ ނަމަ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.
އުރަމަތީގައި ހުންނަ ސެލްސްތަކުން އުފެދޭ މި ކެންސަރު ދުނިޔޭގެ ކޮންމެ 8 އަންހެނަކުން އެކަކަށް ޖެހެއެވެ. އަދި ކޮންމެ 100 ފިރިހެނަކުން އެކަކަށް މި ކެންސަރު ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މި ބައްޔަކީ އެކަމަށް ސްކްރީން ކުރުމުން ބަލީގެ ވަރަށް ކުރީކޮޅުގައި ދެނެގަނެެވޭނެ ބައްޔެކެވެ. އަދި ކުރީކޮޅުގައި ބަލި ދެނަގަނެވުމުގެ ސަބަބުން އެކަމަށް ފަރުވާކުރަން ފަސޭހަވެ ބަލިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ޑަބްލިއުއެޗްއޯ އިން 2020 ވަނަ އަހަރު ހެދި ދިރާސާއެއްގައި ބުނީ އުރަމަތީ ކެންސަރު ޖެހިގެން ރާއްޖެއިން 28 މީހުން މަރުވެފައި ވާ ކަމަށެވެ.
އުރަމަތީ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބު
- އުމުރުން ދުވަސްވުން
- އާއިލާގެ މެންބަރަކަށް އުރަމަތީ ކެންސަރު ޖެހިފައި ހުރުން (ޖެނެޓިކްސް)
- އުމުރުން 12 އަހަރަށް ވުރެ ކުރިން ޕީރިއަޑް ވުން (ޕީރިއަޑްގެ މުއްދަތު އިތުރުވާވަރަކަށް ޗާންސް މަތިވޭ)
- ކުރިން ކެންސަރު ބައްޔަށް ފަރުވާކޮށްފައި ހުރުން
މީގެ އިތުރުން ވެސް ޑްރަގްސް ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރުން ކަސްރަތު ކުރުން މަދުވުމުން މި ކެންސަރު ޖެހުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެން ދެއެވެ. އަދި މާބޮޑަށް މީހާގެ ބަރުދަން އިތުރު ވުމުގެ ސަބަބުން ވެސް އުރަމަތީ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. މި ކަންތައްތަކަކީ ތިމާގެ އަމިއްލަ އިހުތިޔާރުގައި ހުރި ކަންތައްތަކެވެ. ނުރައްކާ ބޮޑު މި ބަލިން ސަލާމަތް ވުމަށް އަވަހަށް މަސައްކަތް ފެށުން މުހިއްމެވެ.