މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ފުލުސް މީހާ ސަސްޕެންޑު ކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި ޑީއީޑީގެ ޑުރަގް ސްޓޮކް ބަލަހައްޓާ އޮފިސަރެއް ހިމެނޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ފުލުހަކު ހައްޔަރުކުރުމާ ގުޅިގެން އެ ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑްރަގް އެންފޯސްމެންޓުގައި އުޅޭ ފުލުހެއް ނަމަވެސް އެވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭނާއަކީ ޑްރަގް އެންފޯސްމެންޓުގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތެކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް ޑީއީޑީގެ ބެލުމުގެ ދަށަށް ގެނެސްފައިބާ މަސްތުވާތެކތީ ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައިވާ އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އެފުލުހަށް ނުވަތަ އެހެން އެއްވެސް ފުލުހަކަށް ނޯންނާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

މި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނަކާއި ހަތަރު އަންހެނުންނެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އާމިނަތު ރިޝްފާ އާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ހިމެނެއެވެ.