ރާއްޖޭގެ އިސްލާމީ ޝިއާރާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަށް ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާއިގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އާއްމުކުރި ސާކިއުލާއެއްގައި ބުނީ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނުގެ ގަވާއިދުގައި ވާގޮތުން، ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރު ފާޅުކުރުމާއި، ާއންމު ތަންތާނުގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ރާއްޖޭގެ އެއްވެސް އާއްމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި ބެހޭ ގަވާއިދާ އެއްގޮތަށް، އާއްމު އިޖްތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނާ ބިދޭސީ މަސައްކަތްތެރިންނަށް އިރުޝާދު ދިނުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެހެންކަމުން ރާއްޖެއިން ބޭރުން ރާއްޖެއަށް މީހުންގެ ފަރާތްތަކުން މި މައުލޫމާތު އެފަރާތްތަކަށް ސާފުކޮށްދީ އިރުޝާދު ދިނުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއްދީ، މިފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މިނިސްޓްރީން މިހެން އަންގާފައިވާއިރު ދާދި ފަހުން ހިންދޫ ދީނުގެ އަޅުކަމަކުން އައްޑޫ މަގުތަކުގައި ތާރުއަޅަން ފެށި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީ އިން ފުލުހަށް ހުށަހަޅައިފައިވާއިރު ފުލުހުން މިހާރު ދަނީ އެމައްސަލަ ބަލަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.