ސަލާމަތީ ބާރުތައް ގުޅިގެން ކ އަތޮޅާއި އައްޑޫގެ ސަރަހައްދު ތަކުގައި ޓެރަރިޒަމާ ދެކޮޅަށް ފަށާފައި ވާ އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށް ގެންދާ ކައުންޓާޓެރަރިޒަމް އޮޕަރޭޝަންގައި މިހާތަނަށް އައްޑޫ ސިޓީއިން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރި 13 މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ސަލާމަތީ ބާރުތައް ގުޅިގެން، ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ފަށާފައި ވަނީ ބޮމުގެ އިންޒާރަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ބައެއް ފޮޓޯތަކުގައިވާ ގޮތުން، އައްޑޫ ހިތަދޫގެ ގެއެއްގައި އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ. އެ ގެ ހުންނަނީ ކުރީގެ ޕޮލިސް ޓްރެއިނިން ސްކޫލް ކުރިމަތީގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ފުލުހުން ބުނީ އަދިވެސް މި އޮޕަރޭޝަން ދަނީ ކުރިއަށް ކަމަށެވެ.

ހަރުކަށި ފިކުރުގެ މައްސަލައިގައި މިދިޔަ އަހަރު އައްޑޫން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން ބައެއް މީހުންގެ އަތުން ބޮން ހަދަން ބޭނުންކުރާ ސާމާނު ފެނިފައި ވާ ކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ.