ޖާނުންފިދާވެގެން ދިން ހަމަލާއެއްގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ އަވަހާރަ ކޮށްލި ހާދިސާ ޝާމިލްވެގެން އުމުރަށް ޖަލަށް ލާފައި ތިބި 6 މީހަކު މިނިވަން ކޮށްފިއެވެ.
އިންޑިއާގެ ސްޕްރީމް ކޯޓުން މި 6 މީހުން މިނިވަން ކުރީ، އެހާދިސާގައި ހިމެނޭ އެކަކު މިދިޔަ މެއި މަހުގެ 18 ވަނަ ދޫކޮށްލުމާ އެކު، އެ ނިންމުމަށް ރިޔާއަތް ކޮށެވެ.
ސްޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ، އެ ހާދިސާގައި ހިމެނޭ، ނާލިނީ އާއި ރަވީޗަންދްރަން އާއި ސަންތަން އާއި، މުރުގަންގެ އިތުރުން ރޮބާޓް ޕަޔާސް އާއި ޖަޔާކުމާރާއި ޕެރަރިވަލަން އަކީ ކުށްވެރިވެގެން އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ތިބި ބައެއް ނަމަވެސް އޭގެ ތެރޭގައި ހިމެނޭ ޕެރަރިވަލަން ޖަލުގައި 30 އަހަރު ހޭދަ ކޮށްފައި ވުމުން އޭނާ ކުރިން މިނިވަން ކުރުމުން، އެ ނިންމުން ބާކީ ތިބި އެންމެންގެ މައްޗަށްވެސް ދެމިގެން ދާނެ ކަމަށެވެ.
އިންޑިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން އުމުރަށް ޖަލަށް ލާ މީހަކު މަދުވެގެން 14 އަހަރު ޖަލުގައި ހޭދަ ކުރަން ޖެހޭނެއެވެ. އަދި ހާލަތާ ގުޅޭ ގޮތުން އެ އުމުރަކީ 20 އަހަރު ނުވަތަ 25 އަހަރު ނުވަތަ މަރުވާންދެން ކަމަށްވެސް އޮވެއެވެ.
އިންޑިއާގެ މިހާރުގެ އިދިކޮޅު ޕާޓީގެ ރައީސް ރާހޫލް ގާނދީގެ ބައްޕާފުޅު ރަޖީވް ގާނދީ އަވަހާރަ ކޮށްލި ހާދިސާގައި ބައިވެރިވާ މީހުން މިހާރު ޖަލުގައި 30 އަަހަރު ހޭދަކޮށްފިއެވެ. މި މީހުން ދޫކޮށްލުމުގައި ސްޕްރީމް ކޯޓުން ރިޔާއަތް ކުރި އަނެއް ކަމަކީ 30 އަހަރަކީ އެކަށީގެންވާ މުއްދަތެއް ކަމުގައި ބެލުމެވެ.
ރާއްޖޭގެ ރައީސް ކަމުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވި ދުވަސް ވަރު ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ރަޖީވް ގާނދީ އަވަހާރަ ކޮށްލީ، ކެމްޕެއިން ހަރަކާތަތެއްގައި ޓެމިލްނާޑޫ ސްޓޭޓުގެ ސްރިޕެރުމްބުރުދުގައި އޮތް އެއްވުމެއްގައި ހުންނަވަނިކޮށް ގައިގައި ބޮން ހަރުކޮށްގެން ހުރި އަންހެނަކު އެ އެއްވުމަށް ވަދެ، ރަޖީވް ގާނދީގެ އަރިހަށް ގޮސް ޖާނުންފިދާވެގެންނެވެ.
އެ ހާދިސާގައި ހަމަލާ ރޭވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޕެރަރިވަލަން އާއި މުރުގަން އަދި ސަންތަން އާއި ސްރީހަރަން މަރަން 1999 ގައި ހުކުމް ކުރިއެވެ. ނަމަވެސް މަރުގެ ހުކުން އުމުރުގެ ދުވަހުގެ ޖަލު ހުކުމަކަށް 2014 ވަނަ އަހަރު ބަދަލު ކޮށް އެމީހުން ތިބީ މިނިވަން ކުރުމާ ހަމައަށް ޖަލުގައެވެ.