ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމުގެ ކުރިން، އޭރު ގައުމު އޮތީ ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރަކީ އާންމުންނަށް ހަމަހަމަ އަހަރުތަކެއްގެ ގޮތުގައި ވެގެން ހިނގައްޖެ ކަމަށް، އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ، ރާއްޖޭގައި އޮތް ހާލަތު ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭ ބަދަލުކުރެވިއްޖެ ކަމަށެވެ. ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އެމަނިކުފާނުގެ ވެރިކަމުގައި ހުރި ތަފާތުތަކަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އެ ދުވަސްވަރު ގައުމުގައި އޮތީ ނުތަނަވަސްކަމާއި ހާސްކަމެވެ.

"ސަބަބަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ކަށަވަރުކަމެއް ނެތުން. އެއްބަސްނުވާ ކޮންމެ މީހަކު ވެފައި ވަނީ ވެރިކަމުގެ ހަތުރަކަށް. އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރު އެކަންވީ ގާނޫނުއަސާސީ ތަސައްވުރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލުވާލުން. ވެރިކަމުން ގާނޫނީ ހަމަތަކަށް ތަބާވުން ދޫކޮށް ވެރިކަމުގެ ފަރާތުން ގާނޫނުގެ ބާރު ލަންބައި، ގުދުކޮށް ވާންކުރުން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ނަތީޖާއެއްގެ ގޮތުން ވެރިކަމުގެ ނިޒާމު އޮތީ އޭރު ކިލަނބުވެފައި ކަމަށާއި، ކިލަނބުވެފައިވާ މަންޒަރު ސާފުވާން ފެށިއިރު އިންސާފު ބޭއިންސާފަށްވެ، އަމާނާތްތެރިކަން ހިޔާނާތް ކަމުގައިވެ، ބޭއިންސާފު އާންމުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ގައުމާ މުހާތަބުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މީގެ ހަތަރު އަހަރު ކުރިން ހެޔޮ ވެރިކަމެއްގެ އުންމީދު ގެއްލި، ހުދުމުހުތާރު ނިންމުންތައް ނިންމުތައް އޮތީ އާންމުވެފައެވެ. އަދި ގޯހުން ގޯހަށް ހިނގާ ކަންކަން ރަނގަޅުކުރުމުގެ ފުރުސަތުތައް ވެސް ބަންދުވެގެން ދިޔައެވެ. އެގޮތުން ރައީސް ފާހަގަކުރެއްވި ބައެއް ކަންކަމަކީ:

  • ސިޔާސީ ލީޑަރުން ޖަލުގައި ބޭތިއްބުން
  • ރައްޔިތުންގެ މަޖިލިހުގެ ދޮރުތައް ތަޅުލައި ބަންދުކޮށްފައި ބެހެއްޓުން
  • ބައިނަލްއަގުވާމީ ދުނިޔެ އާއި ރާއްޖެ އާ އޮތް ގުޅުން ކެނޑި އެކަހެރިވެފައިވުން
  • އިންތިހާބުކުރެވިފައިވާ ކައުންސިލަރުން މަގާމުން އެކަހެރިކޮށްފައި ބޭތިއްބުން

"ހިތަށް ނާރާ ހިތްދަތި މިދެންނެވި ހިތި ތަޖުރިބާ އެދުވަހު ކުރަން ޖެހުނު." ރައީސް ވިދާޅުވިއެވެ.

"އެދުވަހު ރާއްޖޭގެ ރައްޔިތުން ބޭނުންވީ އެހެން އެއްވެސް ކަމެއް ނޫން. އެ އަނދަވަޅާއި ދަންތުރައިން މިންޖުވާން. އެ ބިރުވެރިކަމާއި އަނިޔާ، މުޅި ރާއްޖޭން ނެތި ފިލައި ދާން. އަމާންކަމާއި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ރާއްޖެ އަށް ހޯދަން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައްޔިތުން ބޭނުންވީ އިންސާފުވެރި، ހަމަހަމަ، ގައުމާއި ރައްޔިތުން އިސްކުރާނެ ވެރިކަމެއް

ރައީސް ވިދާޅުވި ގޮތުގައި، މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ އިންސާފުވެރި ވެރިކަމެކެވެ. ދެފުށް ފެންނަ، ޖަވާބުދާރީ ކުރުވެނިވި، ހަމަހަމަކަމާ އެކު ހިދުމަތްދީ، ސިޔާސީ ހަސަދަ އާއި ނަފްރަތުން ސަލާމަތްވެފައިވާ މުޖުތަމައެކެވެ. ރައީސް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ހަތަރު އަހަރު އެމަނިކުފާނު މަސައްކަތް ކުރެއްވީ ވެރިކަމުގެ މަސްއޫލިއްޔަތުތައް ހެޔޮ ގޮތުގައި އަދާކޮށް މުޖުތަމައު ހަމަމަގަށް އެޅުވުމަށެވެ.

"މި ފާއިތުވި ހަތަރު އަހަރުވެސް އަޅުގަނޑު މަސައްކަތް ކުރީ ރާއްޖޭގެ ރައްޔިތުން އެދުވަހު އަޅުގަނޑާ މަތިކުރެއްވި ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރުމަށް. ފުރަތަމަ ކަމަކަށް ތަފާތު ނުކޮށް ހަމަހަމަކަމާ އެކު، އެންމެންނާ އެކު ކުރިއަށް ދިޔުން. ސިޔާސީ ޒުވާބާއި، ހަސަދަ އާއި ޖަދަލާއި، ނަފްރަތުން މުޖުތަމައު ސަލާމަތް ކުރުން. މިހާތަނަށް ރާއްޖެ ހިނގަމުން އައީ، އިޖުތިމާއީ އަދި އިގްތިސޯދީ ތަފާތު ވައްޓަފާޅިއެއްގައި. އެކަމަށް ޒަމާނާ ގުޅޭ، ކޮންމެހެން ބޭނުން ބަދަލުތައް ގެނައުމަކީ، އަޅުގަނޑުވީ ވައުދެއް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެގޮތުން އެންމެ ފުރަތަމަ ވެސް ގެނައި ބަދަލަކީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެ ބަދަލުތަކާ އެކު، މަރުކަޒު ކުރެވިފައިވާ ބާރުތައް ފަތުރާލެވި، ވޭތުވެދިޔަ ހަތަރު އަހަރު ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެއާއެކު، ވޭތުވެދިޔަ ހަތަރު އަހަރުގައި އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ކުރައްވާފައިވާ ބައެއް ކަންކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގިނަ ހިދުމަތްތައް ރަށްރަަށަށް ލިބޭ ގޮތް ހެދުން
  • އާމްދަނީ ހޯދޭނެ މަގުތަކާއި ވަޒީފާތައް ހޯދުމަށް އާންމުންނަށް ފަސޭހަކޮށްދިނުން
  • ފަސޭހަކަމާ އެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ނިޒާމެއް ގާއިމްކުރުން
  • ދައުލަތް ހިންގުން ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއަށް ގެނައުން
  • އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުން
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ގައުމާ މުހާތަބުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

"އޯގާތެރިކަމާއެކު ހަމަ މަގުން ދައުލަތެއް ހިންގާނެ ހުރިހާ ހަމަތައް އެންމެ ހަތަރު އަހަރުން ފުރިހަމަވެ ނިމޭނެ ކަމަށް ބަލައިގެން ނުވާނެ. އެނގި ހާމަވެ ސާފުވި އެންމެ ބޮޑު ހަގީގަތަކީ، އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަ ކުރެވޭނެ ކަމުގެ އުންމީދު، މި ހަތަރު އަހަރުން އިންތިހާ އަށް ބޮޑުވެފައިވާ ކަން." ރައީސް ވިދާޅުވިއެވެ.

ދައުލަތް ހިންގުމުގައި މިއަދު ހާމަކަން ބޮޑު، ސިޔާސީ ފިކުރަށް ބެލުން މާޒީވެއްޖެ

ރައީސް ވިދާޅުވީ، އާންމުންގެ އެންމެ ބޮޑު އެދުމަކަށްވީ ހަމަހަމަ، ހާމަކަން ބޮޑު، ދެފުށް ފެންނަ ފަދަ ވެރިކަމެއް ކަމަށެވެ. މިއަދު ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެތައް މަގެއް ފަހިކޮށްދެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އާންމުންނާ ގުޅުންހުރި ނިންމުންތަކާއި، ސަރުކާރުން ކުރަން ރާވާފައިވާ ކަންކަމުގެ ތަފްސީލު އާންމުންނަށް ފަސޭހަކަމާ އެކު މިހާރު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އޭރު ގައުމު އޮތް ކިލަނބުކަމުގެ ބޮޑުކަމާ ހުރެ ވެސް އަޅުގަނޑުމެން ވައުދުވީ ހާމަކަން ބޮޑު ކުރުމަށް. ސަރުކާރު މިއޮތީ އެ ފުރުސަތު ހުޅުވާލައިގެން. ހާމަކުރެވޭ މަޢުލޫމާތުގެ ދެފޮޅުވަތް ދޭތެރެއާއި ފިލި ކޯޅިން މާނަ ނެގުމަކީ ސަރުކާރަށް ތަކުލީފެއް އުފުލަން ޖެހިދާނެ ކަމެއްކަން އެނގިތިބެ ވެސް، މިހާރުގެ ރޫޙަކީ ހަމަ ހާމަކުރުން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ހަމަ އެއާއެކު، ސިޔާސީ ފިކުރުގެ ސަބަބުން އޮތް ތަފާތުކުރުންތައް މާޒީވެއްޖެ ކަމަށާއި، މިއަދު ވަކި ފިކުރަކަށް ކުލައަކަށް ބެލުމެއް ނެތި ހުރިހާ ރަށަކަށް ވެސް ހިދުމަތް ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަމާންކަމާ އެކު، ހަމަޖެހިލައިގެން ދިރިއުޅުމާ މެދު ވިސްނާނެ މާހައުލެއް މިއަދު ގާއިމްކުރެވިފައި އެބައޮތެވެ.

"އޭގެ ކުރިޔާ އަޅާ ބަލާ ނަމަ، މިހާރު އެތައް ގުނައަކުން ރާއްޖެ އަމާން ކުރެވިއްޖެ. ޒަމާންތަކަކަށް ފަހު ސިޔާސީ ހަމަޖެހުން ރާއްޖެ އަށް ގެނެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އެބަ ލިބޭ." ރައީސް ވިދާޅުވިއެވެ.