އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭ އިން ދީފައިވާ ލަފާގައި ބޮޑެތި ކަންބޮޑުވުން ތަކެއް ފާޅުކޮށްފިއެވެ.

މަޖިލިހަށް އެމްއެމްއޭ އިން ފޮނުވާފައިވާ ލަފާގައިވާ ގޮތުން:

  • ޓެކްސް ބޮޑުކުރުމުން އިންފްލޭޝަން ރޭޓު 5.4 ޕަސެންޓަށް އިތުރުވާނެ
  • ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަގުތައް 2.2 ޕަސެންޓު އުފުލޭނެ
  • ޓެކްސް ބޮޑުކުރުމުން ފައިދާ އިތުރުކުރުމަށް ވިޔަފާރިވެރިން އަގުތައް ބޮޑުކުރާނެ
  • އެހެންކަމުން ތަކެތީގެ އަގު 2.2 ޕަސެންޓަށް ވުރެ ބޮޑުވުން އެކަށީގެންވޭ

މަރުކަޒީ ބޭންކުން ބުނި ގޮތުގައި، އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރަން ދައުލަތުން ނިންމާފައި ވާއިރު، ޓެކްސް ބޮޑުކުރުމުގެ އެންމެ މުހިންމު ބޭނުންތައް ކަމަށްވާ ހަރަދުތައް ހަމަޖެއްސުމާއި ޑެފިސިޓް ކުޑަކުރުން ފަދަ ކަންކަން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުން ހާސިލެއް ނުވެއެވެ.

ސަބަބަކީ ބަޖެޓުގައި ކުރަން ހަމަޖެހިފައިވާ ހަރަދުތައް އިތުރުވެފައި ވުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ހަމަ އެއާއެކު ޓީޖީއެސްޓީ ބޮޑުކުރުމުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ އަސަރުތައް ދެނެގަންނަން ޖެހޭ ކަމަށް ބުނެ، ޓީޖީއެސްޓީ ބޮޑުކުރުމަކީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ހަމައެކަނި ކުރާ ކަމަކަށް ނުހެދުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

އިތުރަށް ފައިސާ ޗާޕްކުރުމުގެ ފުރުސަތު އެބައޮތް، އެކްސްޗޭންޖް ރޭޓަށް އަސަރުކުރާނެ

މަރުކަޒީ ބޭންކުން ދިން ލަފާގައި ބުނި ގޮތުގައި، ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް 4.4 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމުގެ ސަބަބުން:

  • އިގްތިސޯދުގައި ފައިސާ ދައުރުވާ އަދަދު އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު ދަށްވާނެ
  • އެކަމުގެ ސަބަބުން ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރުތައް ކުރާނެ

އެމްއެމްއޭ އިން ބުނީ އެކްސްޗޭންޖް ރޭޓަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި އޯޕަން މާކެޓް އޮޕަރޭޝަންސް، ނުވަތަ ސެކިއުރިޓީތަކާ އެކު ބޭރު ފައިސާ ގަނެ ވިއްކަން ފެށުމަށް އިސްކަން ދޭނެ ކަމަށެވެ. އޯޕަން މާކެޓް އޮޕަރޭޝަންސްގެ ސަބަބުން ޓީބިލްތަކަށް ވިޔަފާރި ބޭންކުތަކުން އިންވެސްޓްކުރާ ވަރު ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މަޖިލިހަށް ފޮނުވި ލަފާގައި އެމްއެމްއޭ އިން ފާހަގަކުރި އިތުރު ކަންކަމަކީ:

  • 4.4 ބިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ޗާޕުކުރެވޭ ގޮތަށް ސަރުކާރުން ހަދާފައި އޮތުމުން އެތެރޭގެ މާކެޓުތަކުން ފައިނޭންސް ހޯދަން ޖެހެނީ ބޮޑެތި އިންޓްރަސްޓް ރޭޓުތަކުގައި
  • އެހެންވެ އެތެރޭގެ މާކެޓުތަކުން ސަރުކާރުން ހޯދަން ބޭނުންވާ ފައިސާ އެއްކުރަން ދަތިވާނެ
  • ޕަބްލިކް ބޭންކް އެކައުންޓުން ނެގި ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ބަޖެޓުގައި ހިމަނާފައި ނުވޭ

އެ ލަފާގައި އެމްއެމްއޭ އިން ބުނި ގޮތުގައި، ބޭރުން ހޯދާ ފައިނޭންސްގެ ސަބަބުން ރާއްޖޭގެ ރިޒާވް އިތުރުކުރުމަށް ފުރުސަތުތައް ލިބޭނެ ކަމަށެވެ. އެގޮތުން މިދިޔަ ތިން އަހަރު ބޭރުގެ ފައިނޭންސިންގެ ގޮތުގައި ބަޖެޓުގައި އަންދާޒާކުރި ވަރުގެ ތެރެއިން ލިބިފައި ވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށް ފާހަގަކޮށްފައިވެއެވެ.

ވޭތުވެދިޔަ ހަ އަހަރު ލިބުނު ހިލޭ އެހީ ކުޑަ، ހިލޭ އެހީ ޖެހީ ބޮޑުކޮށް

މަރުކަޒީ ބޭންކުގެ ދެން އޮތް ކަންބޮޑުވުމަކީ ވޭތުވެދިޔަ ހަ އަހަރު ވެސް، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 800 މިލިއަނެއްހާ ރުފިޔާ މަދުކަމެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް، އޭގެ ތެރެއިން ދޮޅު ބިލިއަން ރުފިޔާ ލިބޭނެ ގޮތެއް ކަނޑައަޅާފައެއް ނެތެވެ.

އެ އިދާރާ އިން ލަފާކުރާ ގޮތުގައި، އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނީ 1.7 ބިލިއަން ރުފިޔާއެވެ. އެއާއެކު، ދައުލަތުގެ ޑެފިސިޓް އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓް ޑެފިސިޓް 8.46 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ހަރަދުތައް ކުޑަކުރުން ފަދަ ފިޔަވަޅުތައް ނާޅައިފި ނަމަ، ބަޖެޓް ޑެފިސިޓް 14.46 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

އިގްތިސޯދީ މަންފާ ބޮޑު މަޝްރޫއުތަކަށް އިސްކަންދީ، ހަރަދުތައް މިހާރަށް ވުރެ އިތުރު ނުކުރޭ

މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގެ ފިސްކަލް ހާލަތު މިހާރު އޮތް ގޮތުން ދަރަނި އޮތީ އިންތިހާ އަށް މަތިވެފައެވެ. އެ އިދާރާ އިން ބުނި ގޮތުގައި، މި ދަނޑިވަޅުގައި ލިބޭ އާމްދަނީން ރިކަރަންޓު ހަރަދު ހަމަޖެއްސޭނެ އެއްވެސް ގޮތެއް ނެތެވެ. ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ:

  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުން
  • ރަސްމީ ރިޒާވުން މަޝްރޫއުތަކަށް ބޭނުންކުރާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ދަތިވުން

އެހެންކަމުން އެމްއެމްއޭ އިން އެދިފައި ވަނީ:

  • ސަރުކާރުން ހިންގާ އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުން ލަސްކޮށްލުމަށް
  • އިގްތިސޯދީ މަންފާ ބޮޑު މަޝްރޫއުތައް ދެނެގަނެ، އެފަދަ މަޝްރޫއުތަކަށް އިސްކަން ދިނުމަށް
  • ޕީއެސްއައިޕީ މަޝްރޫތަކަށް ކުރާ ހަރަދުތައް ކުޑަ ކުރުމަށް
  • ފައިނޭންސިން ހޯދައި، އިތުރު ހަރަދު ކުރުން ކުޑަކޮށް، އަންނަ އަހަރުގެ ހަރަދުތައް އިތުރުނުކުރުމަށް

އެ އިދާރާ އިން ބުނި ގޮތުގައި، ދައުލަތުން ބަޖެޓުގެ ހަރަދުތައް އިތުރުކޮށްފައިވާއިރު، އަދަދުތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ ފައިނޭންސް ހޯދުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. ހަމަ އެއާއެކު އެތެރޭގެ ފައިނޭންސިންގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ، އަދި ބޭރުގެ ފައިނޭންސިންގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ހޯދުމަށް އަންދާޒާކޮށްފައިވާއިރު، ބޭރުން ހޯދަން ކަނޑައަޅާފައިވާ އަދަދު ހޯދުމުގައި ދަތިތައް އެބަހުރި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.