އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ ސްޕޯކްސްޕާސަން މަރިޔަމް ޝިއުނާ ވަނީ "ދަ ޕްރެސް" އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެނގިފައިވާ ގޮތުގައި މ. ނިރުފެހި ގޭގެ ތިރީގައި ހަދާފައިވާ ތަން ގަރާޖެއްގެ ގޮތުގައި ބޭނުންކުރަން ވެރިފަރާތުން ހުއްދައަށް އެދުނު ނަމަވެސް އެ ގަރާޖު ހިންގަން ކައުންސިިލުން ހުއްދަ ނުދޭން ނިންމައި، އެ ފަރާތައް ވަނީ އަންގާފައެވެ.

އެ ހުއްދައަށް އެދި މާލެ ސިޓީ ކައުންސިލަށް ވެރިފަރާތުން ފޯމު ހުށަހެޅީ މިދިޔަ އަހަރު ފެބްރުއަރީ 8 ގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މާލޭގައި ގަރާޖު ފަދަ ތަންތަން ހިންގުމުގެ ހުއްދަ ދެނީ މާލޭ ސިޓީ ކައުންސިލުންނެވެ. ކައުންސިލުން ހުއްދަ ނުދިނީ މާލޭގައި މީހުން ދިރިއުޅެން ދޫކޮށްފައި ހުންނަ ގޯއްޗާއި މީހުން ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ އެހެނިހެން ބިންތަކުގައި ވަޑާންގެ އާއި ވެހިކަލް މަރަމާތުކުރުމާއި ވޯކްޝޮޕް ފަދަ ތަންތަން ހިންގުމަކީ، އިގުތިސާދީ މަސައްކަތް ކުރާ ތަންތަން ހެދުމަށް ހުއްދަ ދިނުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން މަނާ ކަމަކަށް ވާތީއެވެ.

މި މައްސަލާގައި އެ ގަރާޖުގެ ވެރިފަރާތައް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އަދި ސާފެއް ނުވެއެވެ.

ގަރާޖު ކައިރިން މައްޗަށް އަރަން ހުންނަ ސިޑި

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގަރާޖުގެ މަތީގައި ހުންނަ ލޭބާ ކްއާޓަރުގައި ދިރިއުޅޭ 25 އަކަށް މީހުންގެ ތެރެއިން 10 މީހަކު މަރުވެފައި ވާއިރު މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވޭ ކަމަށާއި އެ ހާދިސާގެ ތަހުގީގު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރުވެސް އައިޖީއެމްއެޗުގައި މީހަކަށް ފަރުވާދެމުން އަންނައިރު އެ މީހާގެ ހާލު ކްރިޓިކަލް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މ. ނިރުފެހި އަދި މ. ސެންޑްރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާ ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.