ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ އަވަސް އަދި ފުރިހަމަ ދިރާސާއެއް ކުރަންޖެހޭ ކަމަަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު މަރުވުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ، މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 ބިދޭސީ އަކު މަރުވެފައިވާ ކަމުގެ ހަބަރު ލިބިވަޑައިގަތުމުން ހައިރާންވެ ވަޑައިގެންނެވި ކަމަށެވެ. މަރުވި މީހުންގެ އާއިލާތަކަށާއި ރަހްމަތްތެރިންނަށް އިހްލާސްތެރި ކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ހާލަތު ބަލަައި ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ވެސް އެމްނިކުފާނު ވަނީ ގޮވާލާފައެވެ.

މިއީ މިހާތަނަށް މާލޭގައި އެންމެ ގިނަ ފުރާނަ ގެއްލުނު އަލިފާނުގެ ހާދިސާ އެވެ. މަރުވެފައި ވާ ކަމަށް މިހާތަނަށް ފާހަގަ ވަނީ 10 މީހުން ކަމަށް ވިޔަސް އެ އަަދަދު އިތުރު ވެދާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ. މިހާރުވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ބައެއް މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރޭ ދަންވަރު 12:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގީ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައެވެ. ރޭ ދަންވަރު 12:30 ހާއިރު ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ ފަތިހުއެވެ.

މި ހާދިސާ ގައި މަރުވި މީހުންގެ ހަށިތައް ގަލޮޅު މޯޗަރީ އަށް ގެންގޮސްފައިވާ، އިރު ހާލު ދެރަ އެކަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. ހާލު ދެރަވުމުން، ފަރުވާ ހޯދަމުންދާ މީހާ މިވަގުތު އޮތީ ވެންޓިލޭޓަރުގައެވެ.

އަލިފާން ރޯވި ގަރާޖަކީ، މީގެ ކުރިންވެސް އަލިފާނުގެ 2 ހާދިސާއެއް ހިނގި ގަރާޖެކެވެ. އެ ގަރާޖުގައި އާންމުކޮށް ކުރާ މަސައްކަތަކީ، ކަރަންޓް ނަރު ފަދަ ބާ ނަރު ގަނެގެން އޭގެ ކޮއިލް ދެމުމާއި އެ ޒާތުގެ މަސައްކަތްތަކާއި އޭސީ މަރާމާތު ކުރުމުގެ މަސައްކަތެވެ. އެ ގަރާޖަށް ކިޔަނީ "އޭއެސްއެމް ކޫލް ސޮލިއުޝަން" އެވެ.