ރޭ އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ހިނގި އަލިފާނުގެ ހާދިސާ ބޭނުންކޮށްގެން ފައިސާ ފޭރުމަށް ބަޔަކު މަސައްކަތް ފަށާފައިވާ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ އެ ހާދިސާއާއި ގުޅޭ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށާއި އެ ހާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ އެކި އެކި ސްކޭމްތައް ފޮނުވަމުންދާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް ޝުޖާއު ވަނީ އިލްތިމާސްކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ އެ ހާދިސާގައި އަލިފާން ރޯވި ގޮތަކީ މިއޭ އަދި އެމީހުން ނިޔާވި ގޮތް ދައްކުވައިދޭ ވީޑިއޯއެކޭ ކިޔާ ލިންކުތައް ފޮނުވަމުންދާ ކަމަށެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވިކަން މިހާތަނަށް އެނގިފައިވާއިރު އެ މީހުންގެ ޖިންސު ވަކިކުރަން އުނދަގޫ ކަމަށް މިއަދު އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ރޯވި ނިރުފެއްސާއި ޖެހިގެން ހުންނަ ސެންރޯސްގައި ވެސް ރޯވި އިރު އެ ދެ އިމާރާތަކީ މަތީގައި ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓަރު ތަކެކެވެ. އެތަނުގައި ބިދޭސީންގެ ތެރޭގައި އިންޑިއާއާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުންވެސް ތިއްބެވެ.