އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލުފާނުގެ ހަަދިސާގައި ހިނގުމުގެ ކުރިން ބާރު އަޑުފަށްގަނޑެއް އިވުނު ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނެފިއެވެ.
އެ ވަގުތު ކަން ހިނގާ ދިޔަ ގޮތް "ދަ ޕްރެސް" އާ ހިއްސާކުރަމުން އޭނާ ބުނީ 12:30 ހާއިރު ވަރަށް ބާރު އަޑުފަށްގަނޑެއް އިވިގެން ދިޔަ ކަމަށާއި އެ އަޑަކީ ގޭސް ފުޅިއެއް ކަހަލަ އެއްޗެއް ގޮވާ ކަހަލަ އަޑެއް ކަމަށެވެ.
އަލިފާން ރޯވުމުގެ ކުރިން 4 ވަރަކަށް ފަހަރު އެ އަޑު ތަކުރާރުކޮށް އިވުނު ކަމަށާއި އަލިފާން ރޯވެ، އަލިފާންގަނޑުގެ ތެރެއިންވެސް އެ އަޑުއިވުނު ކަމަށް އެ މީހާ ވަނީ ބުނެފައެވެ.
އެ މީހާ ބުނީ އަލިފާންގަނޑު ރޯވުމުގެ ކުރިން އިވުނު ބާރު އަޑާއެކު ވަރަށް ބާރަށް ރޯއަޑު އިވުނު ކަމަށެވެ.
ރޯވި ނިރުފެއްސާއި ޖެހިގެން ހުންނަ ސެންރޯސްގައި ވެސް ރޯވި އިރު އެ ދެ އިމާރާތަކީ މަތީގައި ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓަރު ތަކެކެވެ. މި ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައި ވާއިރު އެ ދެ ތަނުން ގަރާޖު މަތީގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ލަފާކޮށްލަން ދަތި ނަމަވެސް 20 ވަރަކަށް މީހުންވެސް އުޅެދާނެ ކަމަށް އޭނާ ބުނެއެވެ.
މަރުގެ ތަފްސީލު:
- އައިޖީއެމްއެޗަށް ގެންދިޔަ 2 މީހުންގެ ތެރެއިން 1 މަރުވީ އައިޖީއެމްއެޗްގައި
- ބާކީ 9 މީހުން ފެނިފައި ވަނީ އިމާރާތުގައި މަރުވެފައި އޮއްވާ
އޭނާ ބުނީ ބެލެވޭ ގޮތުގައި ގިނަ މީހުން ތިބީ ނިދާފައި ކަމަށާއި ސަލާމަތްވާން ގިނަ ބަޔަކު މަސައްކަތް ކުރި މަންޒަރުވެސް ފެނިގެން ދިޔަ ކަމަށެވެ. އަދި އެ މީހުން ތާށިވީ ގަރާޖާ ޖެހިގެން އެ މީހުން ފައިބަން ހުންނަ ދޮރުގައި އަލިފާން ހިފައިގެން ނުނިކުމެވިގެން ކަމަށާއި އެ މީހުން ވެސް ވަރަށް ބާރަށް ރުއި އަޑު އިވުނު ކަމަށެވެ.
ވަރަށް ގަދައަށް ހުޅުހިފާފައިވާކަން ފާހަގަކުރަމުން އޭނާ ބުނީ 2:30 އިރުވެސް އަލިފާންގަނޑު މަތިގައި ހުރި ކަމަށެވެ. އަދި ދާދިދެންމެއަކު ހުދު ފޮތިގަނޑަކަށް ލައިގެން ހަށިގަނޑެއް ގެންދާތަން ފެނުނު ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އެ ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު އެ ހާދިސާގައި ގަރާޖުގެ ކުރިމަތީގައި އޮތް ކާރެއް ވަނީ އަނދާފައެވެ. އަދި އެ ހާދިސާގައި ގަރާޖަށާއި އިމާރާތަށް މާބޮޑު ގެއްލުމެއް ނުލިބި ކޮންޓްރޯލް ކުރެވިފައިވާ ކަަމަށް ވެސް އެ މީހާ ކިޔައިދިނެވެ.
ރޭ ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހުއެވެ. އަލިފާން އެއްކޮށް ނިއްވާލެވުނު ނަމަވެސް އަދިވެސް 2 އިމާރާތުންވެސް ދުން ނުކުމެއެވެ.
އަލިފާން ރޯވި ގަރާޖުގައި އާންމުކޮށް ކުރާ މަސައްކަތަކީ ކަރަންޓް ނަރު ފަދަ ބާ ނަރު ގަނެގެން އޭގެ ކޮއިލް ދެމުމާއި އެ ޒާތުގެ މަސައްކަތްތަކެވެ. އަދި އެމީހުންނަކީ އެކިއެކި މީހުން ވިއްކާ އެޒާތުގެ ނަރުގަނެ ހަދާ ބައެއް ކަންވެސް ވަނީ އެނގިފައެވެ.
މިހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ގަލޮޅު މޯޗަރީއަށް ގެންގޮސްފައި ވާ އިރު ހާލު ދެރަ އެކަކު އައިޖީއެމްއެޗް ވެންޓިލޭޓަރުގައި އެބައޮތެވެ.