އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލުފާނުގެ ހަަދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.
ފުލުހާއި އެމްއެންޑީއެފް އިން މިކަން ވަނީ ދާދި ދެންމެ ކަށަވަރު ކޮށްދީފައެވެ.
ރޯވި ނިރުފެއްސާއި ޖެހިގެން ހުންނަ ސެންރޯސްގައި ވެސް ރޯވި އިރު އެ ދެ އިމާރާތަކީ މަތީގައި ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓަރު ތަކެކެވެ.
މި ދެތަނުން ގަރާޖު މަތީގައި 20 އަކަށް މީހުން ދިރިއުޅޭ ކަމަށް މައުލޫމާތު ދެމުން އަވައްޓެރިން ބުނީ ގަރާޖުން މައްޗަށް އަރަށް ހުންނާނީ ވަރަށް ހިމަ ހިމަ ސިޑިއެއް ކަމަށާއި އެތާ އުޅޭ މީހުން ފުލުފުލުގައި ފައިބައިގެން އެކި އެކި ކަންކަމުގައި ދާތަން އާންމުކޮށް ހެނދުނު ފެންނާނެ ކަމަށެވެ.
ރޭ 12:30 ހާ އިރު ރޯވި އަލިފާން، އެއްކޮށް ނިއްވާލެވުނީ ފަތިހުއެވެ. އަލިފާން އެއްކޮށް ނިއްވާލެވުނު ނަމަވެސް އަދިވެސް 2 އިމާރާތުންވެސް ދުން ނުކުމެއެވެ.
އަލިފާން ރޯވި ގަރާޖަކީ، މީގެ ކުރިންވެސް އަލިފާނުގެ ހާދިސާއެއް ހިނގި ގަރާޖެއްކަމުގެ މައުލޫމާތު ލިބޭ އިރު އެ ގަރާޖުގައި އާންމުކޮށް ކުރާ މަސައްކަތަކީ، ކަރަންޓް ނަރު ފަދަ ބާ ނަރު ގަނެގެން އޭގެ ކޮއިލް ދެމުމާއި އެ ޒާތުގެ މަސައްކަތްތަކެވެ. އަދި އެމީހުންނަކީ އެކިއެކި މީހުން ވިއްކާ އެޒާތުގެ ނަރުގަނެ ހަދާ ބައެއް ކަންވެސް ވަނީ އެނގިފައެވެ.
ގަރާޖާ ޖެހިގެން ހުންނަ ސެންރޯސް އަކީ ތިރީގައި ފިހާރައެއް ހުންނަ، މަތީގައި ބިދޭސީން ތިބޭ ގޮތަށް ހަދާފައި ހުންނަ ތަނެކެވެ. އެތާނގައި ބިދޭސީން ބައިތިއްވާ ދިވެހި ފަރާތާއި، އެތާ ތިބި ބިދޭސީންގެ ތެރެއިން އެކަކާ ފަތިހު ދިމާވެގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ބުނީ، އެމީހުން ތިބޭ ތަނުގައި އުޅޭ އެންމެން ސަލާމަތުން ނުކުތް ކަމަށާއި ފަތިހު އެސަރަހައްދަށް ދިޔައީ ބަލާލަން ކަމަށެވެ.
އަލިފާން ރޯވާން ދިމާވި ގޮތް އެމީހުންނަށްވެސް ނޭނގޭ ކަމަށް ބުނަމުން، އިތުރަށް ބުނީ، ޖެހިގެން ހުންނަ ގަރާޖު މަތީގައި އަންހެނުންނާއި ފިރިހެނުން ގިނަ އަދަދަކަށް އުޅޭ ކަމަށާއި އެއީވެސް ލޭބާ ކްއާޓަރެއް ކަމަށެވެ.
މިހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ގަލޮޅު މޯޗަރީއަށް ގެންގޮސްފައި ވާ އިރު ހާލު ދެރަ އެކަކު އައިޖީއެމްއެޗް ވެންޓިލޭޓަރުގައި އެބައޮތެވެ.
މިހާދިސާ އާ ގުޅިގެން ފުލުހުން ބުނީ، މިހާތަނަށް 14 މީހަކު ސަލާމަތް ކުރެވިފައި ވާ ކަމަަށެވެ.