އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ 2 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އެބަދެއެވެ.

ރޭ މެންދަމުން އަލިވެ 12:30 ހާއިރު ހިނގި އަލިފާނުގެ މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވި ކަމަށް ބެލެވެނީ އެ ގެއާ އިންވެގެން ހުންނަ މ. ސެންރޯސްގެ ތިރީގައި ހުންނަ ގަރާޖެއްގައެވެ. ގަޑިއެއްހާ އިރަށް ރޯވެ އަނދަމުން ދިޔަ އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެއްޑް ރެސްކިއު އިން ނިއްވާލި އިރު 2 މީހަކަށް އަނިޔާވެގެން ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަނިޔާވި ދެމީހުންގެ އިތުރުންވެސް އިތުރު ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާއެންޑް ރެސްކިއު އިން ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގޭގައި ރޯވި އިރު އެއީ 3 ބުރި އަށް ހަދާފައި ހުންނަ އިމާރާތެކެވެ. އެ ހާދިސާގައި ގަރާޖާއި ޖެހިގެން ހުރި ގެއަށް އަލިފާންގަނޑު ފެތުރުނުނަމަވެސް ފަޔާއެންޑް ރެސްކިއުގެ ޓީމުތަކުން ބޭރުން ހަރުގަނޑު ޖައްސައިގެން ފެންޖަހާ ވަރަށް މަސައްަތުން އަލިފާން ވަނީ ނިއްވާލާފައެވެ.

ހާދިސާ ހިނގި ވަގުތު އެތާ ހަރަކާތްތެރި ވަމުން ދިޔަ ބައެއް މީހުން ބުނީ، އަނިޔާވެގެން ނެރެގެން ގެންދިޔައީ އަންހެނަކާއި ފިހެނެއް ކަމަށާއި ދެމީހުން ގެންދިޔައީ ސްޓްރެޗާގައި ކަމަށެވެ.

މިހާދިސާ ހިނގި ތަނަށް އެމްއެންޑީއެފްގެ ޗީފް އޮފް ސްޓާފް މޭޖޭ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަޑައިގެން މަސައްކަތުގައި އުޅުނު ފަރާތްތަކަށް އިރުޝާރު ދެއްކާ، ކަންކަން ހިނގަމުން ދާ ގޮތް ބެއްލެވިއެވެ.

މިހާދިސާ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ، މ. ސެންރޯސްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަށް އެ އޮތޯރިޓީ އިން އިޖާބަ ދެމުން ދާ ކަމަށެވެ.

ހާދިސާ އާ ގުޅިގެން ކައިރީގައި ހުރި ގޭގެއިން މީހުން ހުސްކޮށްފައި ވާއިރު އިތުރު މީހަކަށް އަނިޔާއެއް ވި ކަމެއް އަދި އެއްވެސް އިދާރާއަކުން ޔަގީން ކޮށެއް ނުދެއެވެ.