ހދ. މަކުނުދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތުން އެތައް ބައެއްގެ ސަމާލުކަން ލިބުނު އުމުރުން ހަތް އަހަރުގެ ޝަވަން މުހައްމަދަށް ޕްރޮސްތެޓިކް ފަޔެއް ޖަހަން އެންސްޕާއިން އެހީވާން ނިންމައިފިއެވެ.

މަކުނުދޫ ސްކޫލުގައި މިދިޔަ ހޯމަ ދުވަހު ފެށި އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި، ދުވެލި ހައުސްގެ 41 ނަމްބަރު ކުޅުންތެރިޔާ ޝަވަން ކުޅޭ މަންޒަރު ވަނީ ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެފައެވެ. ޝަވަންގެ ކުޅުން ފެނި ގިނަ ބަޔަކު ހައިރާން ވެފައި ވަނީ އެއްފައި ނެތް ނަމަވެސް އެއް ފައި މައްޗަށް ހުރެ ދަނޑުމަތީގައި ދެކޮޅަށް އޭނާ ކޮރަމުން ދެއްކި ކުޅުން ފެނި، ފުޓްބޯޅަ މެޗުގައި ޝަވަން ދެއްކި ހިތްވަރަށް އެތައް ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.

އެ ގޮތުން މަކުނުދޫ ކައުންސިލްގެ ރައީސް ވެސް ވަނީ ޝަވަންގެ އުންމީދަކީ އާޓިފިޝަލް ފަޔެއް ޖެހޭނެ ގޮތް ވުން ކަމަށާއި މި ސަރުކާރުން ޝަވަންގެ އުންމީދު ފުރިހަމަ ކޮށްދޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޝަވަންގެ ކުޅުން ފެނި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ އޭނާއާ ވާޗުއަލް ކޮށް ބައްދަލު ކުރައްވާފައެވެ. ވާޗުއަލް ކޮށް ގުޅި ވީޑިއޯ ކޮންފެރެންސް ކޯލްގައި މަހްލޫފް އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އިންނެވިއެވެ. އެ ކޯލާ ގުޅޭ ގޮތުން ޓްވީޓް ކުރައްވަމުން މަހްލޫފް ވިދާޅުވީ، ޝަވަން އާ މިއަދު ބައްދަލުވެއްޖެ ކަމަށާއި އަދި ޝަވަން ކުޅިވަރު ކުޅުމަށް ބޭނުންވާނެ ޕްރޮސްތެޓިކް ފަަޔެއް ނޫންނަމަ ރަނިން ބްލޭޑެއް އިރާދަކުރެއްވިއްޔާ ހޯއްދަވައި ދެއްވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ވަނީ ފަހިކޮށްދެވިފައި ކަމަށް ވެސް މަހްލުފް ވިދާޅުވިއެވެ.

ޝަވަންގެ އާއިލާއަށް މިއަދު އެންސްޕާއިން ގުޅާ ވަނީ ޝަވަން އަށް ޕްރޮސްތެޓިކް ފަަޔެއް ޖެހުމަށް އެހީވާން ނިންމާފައިވާ ކަން އަންގައި އެ ކުއްޖާގެ މެޑިކަލް ރެކޯޑްތައް ފޮނުވުމަށް އަންގާފައެވެ. މިއީ ޝަވަންގެ ހުވަފެންތައް ހަގީގަތަކަށް ވާން ގާތްވެއްޖެ ކަމުގެ ހެއްކެކެވެ.

އެއްފައި މައްޗަށް ހުރެ ޝަވަން ފުޓްބޯޅަ ކުޅެމުން ދިޔަ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައި ވާ އިރު، އެ މަންޒަރު ރެކޯޑްކޮށް ސޯޝަލް މީޑިއާއަށް އާންމުކުރީ މަކުނުދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ލުތުފީއެވެ. ލުތުފީ ވިދާޅުވީ، އެ ވީޑިއޯ އެނާގެ ފޭސްބުކު ޕޭޖަށް ލީ ވައިރަލް ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި ޝަވަން އަކީ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް އެހެން ކުދިންނެކޭ އެއްގޮތަށް ބައިވެރިވާ ކުއްޖެއް ކަމަށެވެ.

ޝަވަންގެ މި ވީޑިއޯއިން އެތައް ބަޔަކަށް ނަމޫނާ ދައްކާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނުކުޅެދުންތެރިކަން ހުރުމަކީ ބާކީވެ އެކަނިވެރިވެ އެންމެންނާ އެހަހެރިވެ ހުންނަންވީ ސަބަބެއް ނޫން ކަން ޝަވަން ސާބިތު ކޮށްދީފި ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.