އެމްޑަބްލިއުއެސްސީން "އާރޯ" ޕްރިމިޔަމް ބްރޭންޑްގެ ފެން ތައާރަފް ކޮށްފިއެވެ.

އާރޯ" ބްރޭންޑްގެ ފެން ތައާރަފްކުރީ މިކަމަށްޓަކައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސް ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރޭ "އާރޯ" ބްރޭންޑްގެ ފެނަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ނެރޭ ފެނެއް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު، މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، މިފަދަ ދިވެހި އުފެއްދުންތައް ފަތުރުވެރިކަމުގެ ބާޒާރަށް ތައާރަފްކޮށް، އިޝްތިހާރުކޮށްގެން ކަމަށެވެ.

އަދި ބޭރުގެ އުފެއްދުންތަކާއި އެއްހަމައެއްގައި ދިވެހި މިފަދަ އުފެއްދުންތައް ފައިތިލަ ސާބިތުކުރުމަކީ، ފަތުރުވެރިކަމާއި އިގްތިސާދީ ދާއިރާއިން ދިވެހިންނަށް ލިބިދޭ މަންފާ އިތުރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމުގައިވެސް ޝާހް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތައް ދިވެހި ހުނަރުވެރި ކުރެހުންތެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ފެން ބާޒާރަށް ނެރެނީ 1 ލީޓަރު އަދި 500 އެމްއެލްގެ ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ކަމަށެވެ.

މިފުޅި ތައާރަފް ވެގެން ދިއުމަކީ، ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓްކުރުމަށް އަދުގެ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި މިކުންފުނީގެ ފަރާތުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ “އާރޯ" ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި އުފައްދައިގެން ބާޒާރަށް ނެރެވުނު ފެނެއް ކަމަށެވެ.

މީގެ އިތުރުން ކުރިމަގުގައި "އާރޯ" ބްރޭންޑުގެ އިތުރު އުފެއްދުންތައްވެސް ބާޒާރައް ނެރެ ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، "އާރޯ" ފެން ގަންނަން ބޭނުންވާ ފަރާތްތަކުން 7960022 ނަމްބަރަށް ގުޅުމުން ނުވަތަ ވެބްސައިޓްaro.mv މެދުވެރިކޮށް އޯޑާ ކުރުމުން ލިބޭނެ ކަމަށެވެ.