އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ޖަޕާނާ ގުޅިގެން ހަނދުގެ އަނދިރި ފަރާތަށް ދާން ޖައްވީ އުޅަނދެއް ފޮނުވަން ނިންމައިފިއެވެ.

އިސްރޯއިން ހަނދާއި މާސްއަށް ކުރާ މިޝަންތަކަށް ފަހު ހަނދުގެ އަނދިރި ފަރާތް ހޯދަން ނިންމާފައި ވާ ކަން އިއުލާން ކުރީ އާކާޝް ޓަޓްވާ ކޮންފަރެންސްގައި އިސްރޯގެ މުސްތަގުބަލުގެ މިޝަންތަކާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެމުން އަހުމަދުއާބާދުގެ ފިޒިކަލް ރިސާޗް ލެބޯޓްރީގެ ޑިރެކްޓަރު އަނިލް ބަރްދްވާޖެވެ. އޭނާ ބުނީ، ޖައްވީ އިދާރާއިން މާސްއަށް ވެސް މިޝަނެއް ފޮނުވަން ނިންމާފައިވާ ކަމަށާއި ހަނދުގެ ދާއިމީ ހިޔަނި ހުންނަ ސަރަހައްދު ނުވަތަ އަނދިރި ސަރަހައްދު ބެލުމަށް ޖައްވީ އުލަނދެއްގެ ގޮތުގައި ބޭނުން ކުރާ ރޯވާއެއް ފޮނުވުމަށް ޖަޕާނުގެ އެރޯސްޕޭސް އެކްސްޕްލޯރޭޝަން އެޖެންސީ (ޖެކްސާ) އާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އިސްރޯއިން ހަދާފައިވާ ހަނދުގެ ލޭންޑަރަކާއި ރޯވާއެއް ޖަޕާނުގެ ރޮކެޓަކުން އޯބިޓަށް ލާނީ ހަނދުގެ ދެކުނު ސަރަހައްދުގައި ކަމަށާއި ދެން އެ ރޯވަރު ދަތުރުުރާނީ ހަނދުގެ ދާއިމީ ހިޔަނި އޮންނަ އިރުގެ އަލިކަން ދުވަހަކު ވެސް ނުފެންނަ ސަރަހައްދަށް ކަމަށް ބަރްދްވާޖް ބުނެއެވެ. އެގޮތުން އަދިތިޔާ އެލް-1 ނަމަކަށް ކިޔާ މި މިޝަންގައި 400 ކިލޯގެ ކްލާސް ސެޓެލައިޓެއް އިރުގެ ވަށައިގެން ދައުރު ކުރާ ގޮތް ހެދުމަށް ހަމަޖެހިފައި ވާ ކަމަށް އޭނާ ބުނެއެވެ. އެ ސެޓެލައިޓް ފޮނުވަން ހަމަޖެހިފައި ވަނީ ލަގްރޭންޖް ޕޮއިންޓް އެލް-1 ނަމަކަށް ކިޔާ ހިސާބުގައި ހުންނަ ތަރި އަބަދު ވެސް ފެންނާނެ ގޮތަށް ކަމަށް އޭނާ ބުނެއެވެ.

މި ސެޓެލައިޓް ދޫކުރާ އޯބިޓް އޮންނާނީ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރުގައި ކަމަށާއި އަދި އެ ސެޓެލައިޓުން ދުނިޔެއާ ކައިރި ޖައްވުގެ ސަރަހައްދުގެ މޫސުމާ ގުޅުން ހުރި ބަދަލުތައް ދެނެގަނެވޭނެ ކަމަށް އޭނާ ބުނެއެވެ. ހަމައެއާއެކު އަދިތިޔާ އެލް-1 އަދި ޗަންދުރަޔާން-3 މިޝަންތައް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެއަށް ފަހު ވީނަސްއަށް ކުރާ މިޝަން އަދި ޖެކްސާއާއެކު ހަނދަށް ކުރާ މިޝަން ކުރިއަށް ދާނެ ކަމަށް ބަރްދްވާޖް ވިދާޅުވިއެވެ.

ހަނދުގެ ރޯވާ ނުވަތަ މޫން ރޯވަރަކީ ހަނދުގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރުމަށް ފަރުމާކޮށްފައި ވާ ޖައްވީ އުޅަނދުތަކެކެވެ. އެޕޯލޯ ޕްރޮގްރާމްގެ ލޫނާ ރޯވިން ވެހިކަލް ހަނދުގައި ދުއްވާފައި ވަނީ އެމެރިކާގެ ތިން ފަޅުވެރިން ކަމަށްވާ އެޕޯލޯ 15، 16 އަދި 17 ގެ މީހުންނެވެ. އެހެނިހެން ރޯވަރުތަކަކީ ސޯވިއެޓް ޔޫނިއަންގެ ލުނޮކޮޑްސް އާއި ޗައިނީޒް ޔޫޓަސް ފަދަ ބައިވަރު ނުވަތަ މުޅިން އޮޓޮނޮމިސް ރޮބޮޓްތަކެކެވެ.

މިހާތަނަށް އައި އިރު ހަނދުގައި ރޯވަރު އޮޕަރޭޓް ކުރި ތިން ގައުމަކީ ސޯވިއެޓް ޔޫނިއަން، އެމެރިކާ އަދި ޗައިނާއެވެ. އަދި އިންޑިއާއިން ހަނދަށް ދާން މީގެ ކުރިން ކުރި ހުރިހާ މަސައްކަރެއް ވަނީ ފެއިލް ވެފައެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހަނދުގެ ދެކުނު ތަނޑިއާއި ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، އެ ދިރާސާކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ކުރިއަށް ގެންދިޔަ "ޗާންދްރަޔާ-2" ގެ މިޝަން ވަނީ ނާކާމިޔާބުވެފައެވެ. 'ޗާންދްރަޔާން-2" މިޝަންގެ ޖައްވީ އުޅަނދާ ބިމާ ދެމެދު އޮތް ގުޅުން ކެނޑުނީ، ހަނދުގެ ސަތަހާގައި އެ އުޅަނދު ޖެއްސުމަށް މަދު ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ކަމަށެވެ. މިމިޝަން ކާމިޔާބުވީ ނަމަ، އިންޑިއާ ވެގެން ދަނީ ހަނދުގައި ކާމިބުކަމާއެކު ސޮފްޓް-ލޭންޑިންގްއެއް ހެދި 4 ވަނަ ގައުމަށެވެ.