މަރުވެފައި އޮތް އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދުން މިހާރު ދުވާ ވަހަކީ އެ ސަރަހައްދާ ކައިރީގައި ހުރި މަސް ކައްކާ ތަނަކުން އަންނަ ވަހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިއަދު ވަނީ ހުޅުމާލޭގެ ވޯޓާ ތީމް ޕާކް ހަދަމުންދާ ސަރަހައްދުން އަނެއްކާ ވެސް ކުނިވަހެއް ދުވާ ކަމުގެ ޝަކުވާ ހިއްސާ ކޮށްފައެވެ. ބައެއް ފަރާތްތަކުން އެވާހަކަ ހިއްސާކޮށް މިކަން ފުލުހުންނަށް އިނގޭތޯ އާއި އެ ސަރަހއްދުން އެހާ ނުބައި ކުނި ވަހެއް ދުވާ ސަބަބު ހޯދަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.

މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމާލެ ސައިމާ ހިންގުމާއި ނިރޮޅުމަގު ގުޅޭ ސަރަހައްދުން ކުނިވަސް ދުވާ ކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ސަރަހައްދުން ފާހަގަ ކުރެވޭ ކަމެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެ ބުނާ ކުނި ވަހަކީ އެ ސަރަހައްދާ ކައިރީގައި ހުރި މަސް ކައްކާ ތަނަކުން އަންނަ ވަހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކުނި ވަސް ދުވާތީ އާންމުން ޝަކުވާ އުފުލާފައިވާ އިރު، އެ ސަރަހައްދަކީ ވަރަށް ބޯކޮށް ގަހާއި ވިނަ ހެދިފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ފަޅުކޮށް އޮންނަ ސަރަހައްދަކަށް ވެފައި އެއީ މިދިޔަ ސެޕްޓެމްބަރު މަހު ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެ ދެ ހަފްތާ ފަހުން އޮކްޓޯބަރު މަހުގެ ތެރޭ ފެނުނު ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު ވެސް މެއެވެ.

އޭރު އަޒްހާންގެ ހަށިގަނޑު އެ ފެނުނު އިރު މުޅި އެ ސަރަހައްދުގައި ވަނީ ކުނިވަސް ހިފާފައެވެ. އޭރު އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެފައެވެ.