ދެ ރަށެއްގައި މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓުތަކާ އެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ހިންގި އޮޕަރޭޝަންތަކުގައި ދެ ރަށަކުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދ. މީދޫން 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ވަނީ ތިން ދުވަހަށް ބަންދުކޮށްފައެވެ.
އޭގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ނ. ވެލިދޫގައި އެ ރަށުގެ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި 36 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް ބެލި ބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި 23 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގައި އެ ދެ މީހުން ވަނީ 10 ދުވަހަށް ބަންދުކޮށްފައެވެ.
އެ ދެ މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.