މިއަދު މިސްރުގައި ފެށި ކޮޕް27 ސަމިޓް، ނުވަތަ އދ. ގެ މޫސުމާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް މިހާރު ވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެހެން ގައުމެއް ތަމްސީލުކުރުން ރަނގަޅު ނޫން ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކޮޕް27 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ނަޝީދު މިސްރަށް ފުރާވަޑައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މިކަމުގައި ނަޝީދަށް ފާޑުކިއުން އަމާޒުވެފައި ވަނީ ދައުލަތުގެ އެއް ބާރުގެ ވެރިއަކަށް ހުންނަވައި، ކޮޕް27 ސަމިޓުގައި އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރެއްވުމަށް މިސްރަށް ވަޑައިގެންފައި ވާތީއެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރާއްޖޭގެ ނޫހަކުން ސުވާލުކުރުމުން އިތުރު ތަފްސީލަކަށް ވަޑައިނުގެން، ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނަރު ކަމަށްވާ މައުމޫން ވިދާޅުވީ ނަޝީދު ކުރެއްވީ "ރަނގަޅު ކަމެއް ނޫން" ކަމަށެވެ.

ދައުލަތުގެ ކުރީގެ ބަންޑާރަނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އައިޝަތު އާޒިމާ ޝަކޫރު ވެސް މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު، އާޒިމާ ވަނީ ގާނޫނީ ގޮތުން ބައެއް ސުވާލުތައް ކުރިމަތި ކުރައްވާފައެވެ.

"މި ކަމުގައި ދައުލަތުގެ ބަންޑާރަނައިބު އެއްޗެކޭ ވިދާޅުނުވެ ހުންނަވަނީ ކީއްވެތޯ؟ ދައުލަތުގެ ބާރުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅަކަށް މިފަދަ ކަމެއް ކުރެއްވޭނެތޯ؟" އާޒިމާ ކުރިމަތިކުރެއްވި ބައެއް ސުވާލުތަކުގައި ވެއެވެ.

ޑރ. މުނައްވަރު ވިދާޅުވީ، ރައްޔިތުންގެ ފައިސާ އިން މުސާރަ ނަންގަވައިގެން ނަޝީދު އެހެން ގައުމެއް ތަމްސީލު ކުރައްވަން ވަޑައިގަތުމަކީ ދިވެހި ދައުލަތަށް ވަފާތެރިވުންތޯ ސުވާލުކުރަން ޖެހޭ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މަޖިލިހުން އިއްޔެ ބުނި ގޮތުގައި، ނަޝީދު ކޮޕް-27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅަށް ހަރަދު ކުރަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ސީވީއެފުންނެވެ. ނަޝީދުގެ ދަތުރުފުޅަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ

ކޮޕް ސަމިޓްގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާވަފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ ކުރިން ކޮޕް ސަމިޓްގައި ރާއްޖެ ތަމްސީލް ކުރެއްވި ނަޝީދު މި އަހަރުގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެއްގެ ގޮތުގައެވެ. ނަޝީދުގެ މި ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުދަ ދުވަހުއެވެ.

ނަޝީދުގެ މި ދަތުރުފުޅުގައި ސީވީއެފް އާއި ވަލްނަރަބަލް ޓްވެންޓީ (ވީ20) އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. މިވަގުތު ސީވީއެފްގެ ވީ20 ގްރޫޕުގެ ރިޔާސަތު ގާނާއިން ބަލަހައްޓާ އިރު ރާއްޖެއަކީ ވެސް ސީވީއެފްގެ މެންބަރު ގައުމެކެވެ.