ޗައިނާގެ ރޮކެޓުން، ކޮންޓެއިނާ މުދާ އުފުލަން ގެންގުޅޭ ޓްރެއިލާ ޓްރަކް ގެ 2 ޓްރަކް ސައިޒްގެ ބައެއް ދުނިޔޭގެ އޯބިޓަށް ވަދެއްޖެ ކަމަށާއި ލަސްތަނެއް ނުވެ ދުނިޔެއަށް ވެއްޓި ގެއްލުންތަކެއް ލިބިދާނެ ކަމަށްޓަކައި ސަމާލުވުމަށް ނާސާ އާއި ގައުމުތަކުން އެލާޓް ކޮށްފިއެވެ.

ޗައިނާގެ މި ރޮކެޓަކީ، އެގައުމުން ޖައްވުގައި ގާއިމު ކޮށްފައިވާ ސްޕޭސް ސްޓޭޝަނަށްް ދަތުރު ކުރި ރޮކެޓެކެވެ. ޗައިނާގެ ރޮކެޓްތައް ޑިޒައިން ކޮށްފައި ހުންނަ ގޮތުން، ރޮކެޓާ ވަކިވާ ބޫސްޓަރުގެ ބޮޑުކަމާއި ބޭނުންކޮށްފައި ހުންނަަ މައުދަންތަކުގެ ސަބަބުން ދުނިޔެއަށް ވެއްޓޭ އިރު، އޭގެ ޒާތުގައި އަނދައިގެން ދިޔުން ނުވަތަ ކުދިކުދިވެގެން ދިޔުމާއި، އެ ވެއްޓޭ މިސްރާބް ކޮންޓްރޯލް ކުރެވޭކަމަށް ނުހުރެއެވެ.

ނާސާ އާއި އެމެރިކާ އަދި އެހެން ބައެއް ގައުމުތަކުގެ ޖައްވީ އިދާރާތަކުން ޖައްވަށް ފޮނުވާ ރޮކެޓްތަކުން ވަކިވާ ބޫސްޓަރު ހަދާފައި ހުންނަލެއް ކުޑަ ކަމާއި، ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވަދެގެން އަންނަ އިރު އުފެދޭ ހޫނުގައި އަނދައިގެން ދިޔުމާއި، ދުނިޔެއަށް ވެއްޓެން އަންނަ އިރު އޭގެ މިސްރާބު ކޮށްޓްރޯލް ކުރެވެން ހުންނާތީ ޗައިނާގެ ޓެކްނޮލޮޖީހެން އެލާޓް ކުރާކަށް ނުޖެހެއެވެ.

ރޮކެޓްގެ ބައިތައް ވެއްޓިދާނެ ކަމަށް ލަފާކުރާ ސަރަހައްދު ނުލާއި ރީނދޫ ރޮނގުން ފާހަގަ ކޮށްފައި

ޗައިނާގެ ރޮކެޓްގެ ބައިތައް ދުނިޔެއަށް ވެއްޓޭނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާއިން ލަފާ ކުރަނީ ޕެސިފިކް ކަނޑާ ދިމާއިން މިރޭގެ ވަގުތެއްގައި ނަމަވެސް، ސްޕެއިން އާ ދިމާއަށް ވެއްޓިދާނެ ކަމަށް ބަލައި، ބާސެލޯނާއާއި އިބީޒާގެ އެއާޕޯޓް 40 މިނެޓަށް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަދި 100 ކިލޯމީޓަރުގެ ވައިގެ ސަރަހައްދެއް ވަނީ އާންމު ފްލައިޓް ތަކަށް ބަންދުވެސް ކޮށްފައެވެ.

ޗައިނާއިން ޖައްވުގައި ގާއިމުކޮށްފައި ވާ ސްޓޭޝަން، ޓިއާންގޮންގް އަށް 2020، 2021 ގައި ފޮނުވި ރޮކެޓްގެ ބައިތައްވެސް ދުނިޔެއަށް ވެއްޓުނެވެ. 2020 ގައި ރޮކެޓްގެ ބައިތައް ވެއްޓުނީ އައިވޮރީ ކޯސްޓަށާއި އިންޑިއާ ކަނޑަށެވެ. އެ ހާދިސާގައި އައިވޮރީ ކޯސްޓުގެ ބައެއް ވިލެޖްތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

މިހާރު ވެއްޓެން އަންނަ އެތިގަނޑުގެ ބަރުދަނުގައި 50،000 ޕައުންޑް ހުރި ކަމަށާއި މިއީ ފާއިތުވި 50 އަހަރު ތެރޭގައި ކޮންޓްރޯލެއް ނެތި ދުނިޔެއަށް ވެއްޓުނު މިބާވަތުގެ 6 އެއްޗެއްގެ ތެރެއިން އެންމެ ބޮޑު އެކަތި ކަމަށްވެސް އެއޮރޯސްޕޭސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މުރާސިލުން ބުނާ ގޮތުގައި، ދުނިޔެއަށް މި ވެއްޓޭ ބޫސްޓަރުގެ އެތިކޮޅަކުން ޖެހި މީހަކަށް ގެއްލުން ވުމުގެ ފުރުސަތު، ބައިބޯތަނެއްގައި ނަމަ ކޮންމެ 1000 އަކުން 1 އަދި ބައި މަދު ތަނެއް ނަމަ ކޮންމެ 200 މީހަކުން 1 އަށް އޮތް ނަމަވެސް އެ ފުރުސަތު ކުޑައެވެ. ނަމަވެސް ކަނޑަކަށް ނުވެއްޓި ބިމަށް ވެއްޓިއްޖެ ނަމަ ގެއްލުންތަކެއް ވާނެ ކަމަށް ވެސް ޖައްވީ އިދާރާތަކުން ބުނެއެވެ.

ރޮކެޓުން ވަކިވެގެން ވެއްޓޭ ކަމަށް އަންދާ ކޮށްފައި ވަނީ މީގެ 2 ޓްރަކް ސައިޒްގެ ބައެއް

ޔޫރަޕްގެ ޖައްވީ އިދާރާއިން ބުނަނީ ރޮކެޓުގެ ބައިތައް ވެއްޓޭނެ ކަމަށް ބެލެވެނީ އެޓްލާންޓިކް ކަނޑަށް ކަމަށެވެ. ނަމަވެސް އެ ބޫސްޓަރުގެ މައްޗަށް އެއްވެސް ބައެއްގެ ކޮންޓްރޯލެއް ނެތުމުން މީހުން ދިރިއުޅޭ ހިސާބަކަށް ވެއްޓިދާނެ ކަމަށް ބަލައި އިޓަލީގެ ދެކުނު ބިތާއި ސްޕެއިންގެ އުތުރާއި ޕޯޗްގަލް އަށް ވަނީ އެލާޓް ނެރެފައެވެ.

ޗައިނާއިން ޖައްވީ ސްޓޭޝަނަށް ދަތުރުކުރާ ރޮކެޓްގެ ބައިތަށް މީގެ ކުރިންވެސް ދުނިޔޭގެ ބިމަށް ވެއްޓި ގެއްލުންތައް ލިބިފައި ވުމުން، ރޮކެޓް ޑިޒައިން ކުރާ އިރު ރޮކެޓުން ވަކިވާ ބައިތައް ކުދިކުދި ވެގެން ދުނިޔޭގެ ސަތަހައަށް ވަންނާނެ ގޮތަށް ޑިޒައިން ކުރުމަށް ނާސާއިން އޮތީ މީގެ ކުރިންވެސް ޗައިނާއަށް އަންގާފައެވެ.

މި މައްސަލަ އާ ގުޅިގެން ޗައިނާއިން ސަމާލުގެ ނޯޓިސް އެއް ވެސް އަދި އިރުޝާދެއް ވެސް އާންމު ކޮށްފައެއް ނުވެއެވެ.