އިނގިރޭސިވިލާތާއި ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 29 އިން މިއަދުގެ ނިޔަލަށް ޝާހިދު ޔޫކޭއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އާ ސަރުކާރުގެ އިސްވެރިންނާ ޝާހިދު ބައްދަލު ކުރެއްވިއިރު ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެ ދަތުރަށްފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުގެ އާ ލީޑާޝިޕާއެކު މަސައްކަތްކޮށް ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި މިހާރު އޮތް ބައިލެޓަރަލް ޕޯޓްފޯލިއޯ މުރާޖައާކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެ ދަތުރުގެ ސަބަބުން މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެކަން ޔަގީންވެއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން އެ ގައުމުގައި ދިިރިއުޅޭ ދިވެހިންނާ ވެސް ޝާހިދު ވަނީ ބައްދަލުކުރައްވައިފިއެވެ.