ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިސްވެ ހުންނަވާ ލާހޯރުން އިސްލާމްއާބާދަށް ދާން ފެށި އިހުތިޖާޖުގައި އޭނާއަށް ހަމަލާ ދިނުމުން، ސަޕޯޓަރުން މަގުތަކަށް ނުކުމެ ފުރާލައިފިއެވެ.

ޕާކިސްތާނުގެ ހަބަރުތައް ބުނާގޮތުން، ޕާކިސްތާނުގެ ފާއިޒްއާބާދުގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުން ކުރިމަތި ލާ، ކަރުނަގޭސް ޖާހާފައި ވާ އިރު، އެތައްބަޔަކު މިހާރު ވަނީ ހައްޔަރުވެސް ކޮށްފައެވެ. މި މުޒާހަރާތައް ކަރާޗީ، އިސްލާމްއާބާދު، ލާހޯރު، ގުއެޓާ، ޕެޝާވަރު، މަލަކާންދު، ރާޖަންޕޫރު، ބަހާވަލްނަގަރު، މުޒައްފަރުގަރުގެ އިތުރުން ކޮހާޓުގައިވެސް ކުރިއަށް އެބަދެއެވެ.

މިއަދުގެ ހުކުރު ނަމާދަށް ފަހު ޕާކިސްތާނުގެ ބޮޑެތި ހުރިހާ ސިޓީއެއްގައި މުޒާހަރާ ކުރަމުން ދާއިރު، މުޒާހަރާގެ ބައިވެރިން ދަނީ، އިމްރާނަށް ސަޕޯޓު ކޮށް އަޑުއުފުލުމާއެކު، އޭނާއަށް ދިން ހަމަލާ ކުށްވެރިކޮށް ޝިއާރުތައް ފާޅުކުރަމުންނެވެ.

ޕާކިސްތާނުގެ އިދިކޮޅު ޕާޓީ ތެހެރީކޭ އިންސާފު ޕާޓީގެ ޗެއާއަކީ އިމްރާން ހާނެވެ. އޭނާ އަށް އަމާޒުކޮށް އިއްޔެ ހަމަލާ ދިނީ، ލާހޯރުން ފެށި ހިނގާލުން ޕަންޖާބު ޕްރޮވިންސްގެ ވަޒީރުއާބާދާ ހަމައަށް އައިސް އެ ސިޓީގައި މަޑުކޮށް ބޭއްވި ބޮޑު އެއްވުމެއްގައެވެ. ހަމަލާ ދިން މީހާ ބަޑި ޖެހީ ސީދާ، އިމްރާން އަވަހާރަ ކޮށްލަން ކަމަށް އެޕާޓީން ބުނި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަމުގައި އަދި އެއްޗެއް ނުބުނެއެވެ. އިމްރާނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި 14 މީހަކު ޒަހަމްވި އިރު އެކަކު ވަނީ މަރުވެފައެވެ.

އެހަމަލާގައި ވަޒަން އެރީ އިމްރާން ހާންގެ ފައިގެ ތިރިއަށް ކަމުން މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް އޭނާ ވަނީ ވަގުތުން ލާހޯރުގެ ޝައުކަތު ހަނޫމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި މިއަދުގެ ވަގުތެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މި ހަމަލާ އާ ގުޅިގެން އިމްރާންގެ ޕާޓީ (ޕީޓީއައި) އިން ބުނީ، ހަމަލާގެ ޒިންމާ އުފުއްލަވަން ޖެހޭނީ، މިހާރުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާއި، ދާހިލީ ވަޒީރު ރަނާ ސައުއްލާ އާއި ސީނިއާ އިންޓެލިޖެންސް އޮފިސަރު މޭޖާ ނެޖެރަލް ފައިސަލް ނަސީރު ކަމަށެވެ.

މި ތުހުމަތުތައް ދޮގުކޮށް ސަރުކާރުން ބުނީ، އެ ހާދިސާ ހިނގާ ދިޔަ ގޮތް ތަހުގީގު ކުރަން ޓީމެއް އެކުލަވާލައި ކަން ހިނގާ ދިޔަ ގޮތް ދެނެގަތުމަށް ޕަންޖާބުގެ ސަރުކާރަށް އަންގާފައި ވާ ކަމަށެވެ.

މިހާދިސާގައި އިމްރާނަށް ހަމަލާ ދިން ނަވީދު އަހުމަދު ކިޔާ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

އިމްރާން ހާނު ވަނީ ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ މިދިޔަ އޭޕްރީލް މަހު މަގާމުން ދުރުކޮށްފައެވެ. މި އާއެކު އޭނާ ތުހުމަތު ކުރައްވަނީ، އެމެރިކާގެ ރޭވުމަކުން އޭނާ މަގާމުން ދުރުކުރީ ކަމަށެވެ.

އިމްރާނަކީ ޕާކިސްތާނުގައި ތާއީދު ބޮޑު ބޭފުޅަކަށް ވާއިރު، މި ފަހަރުގެ އިހުތިޖާޖުގައި އޭނާ ގޮވާލައްވަނީ އަވަސް އިންތިހާބެއް ބޭއްވުމަށެވެ.