ދުނިޔޭގެ އެންމެ ކުރިއަަރާފައިވާ 20 އިގްތިސޯދު ނުވަތަ ގައުމުތައް ގުޅިގެން ޖީ20 ގެ ދަށުން ތަފާތު ދީންތައް ތަމްސީލު ކުރާ ގޮތަށް އުފެއްދި އާރު20 ގެ ފުރަތަމަ ސަމިޓް އިންޑޮނީޝިއާގައި ބާއްވައިފިއެވެ.

އަންނަ އަހަރު މި ސަމިޓް ބާއްވަން އިންޑިއާ އާ ރިޔާސަރު ހަވާލު ކުރި އިންޑޮނީޝިއާގެ ސަމިޓްގައި އެންމެ ކުރިއަރާފައިވާ 20 އިގްތިސޯދުގެ ގައުމުތަކުގައި ހިމެނޭ އެކި ދީންތަކުގެ 160 އިލްމުވެރިންނާ އެކު ޖުމްލަ 400 މީހުން ބައިވެރި ވިއެވެ.

ޖީ20 ގައި 19 ގައުމަކާއި އީޔޫ ހިމެނޭ އިރު އެ ގައުމުތަކީ ތަފާތު ދީންތައް ގަބޫލު ކުރާ ގައުމުތަކަވެ. ބައެއް ގައުމުތަކުގައި މުސްލިމް މެޖޯރިޓީ އޮތަސް އަނެއްބައި ގައުމުތަކުގައި އޮންނަނީ އީސާއީންނާއި ހިންދޫންނާއި އެނޫންވެސް ދީންތަކަކުގެ މެޖޯރިޓީއެވެ. އާރު20 ގައި ހިމެނޭ ގައުމުތައް؛

  • އޮސްޓްރޭލިއާ
  • ކެނެޑާ
  • ސައުދީ އަރަބިއްޔާ
  • ޔުނައިޓެޑް ސްޓޭޓްސް (އެމެރިކާ)
  • އިންޑިއާ
  • ރަޝިއާ
  • ސައުތް އެފްރިކާ
  • ތުރުކީ
  • އާޖެންޓީނާ
  • ބްރެޒިލް
  • މެކްސިކޯ
  • ފްރާންސް
  • ޖަރުމަން
  • އިޓަލީ
  • އިނގިރޭސިވިލާތް
  • ޗައިނާ
  • އިންޑޮނީޝިއާ
  • ޖަޕާން
  • ސައުތް ކޮރެއާ

މި ނޮވެމްބަރު 2 އިން 3 އަށް އިންޑޮނީޝިއާގެ ބާލީގައި ބޭއްވި ފުރަތަމަ ސަމިޓްގައި މުސްލިމް ވޯލްޑް ލީގުންވެސް ބައިވެރި ވި އިރު، މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ، އެކިއެކި ގައުމުތަކުގައި ދީނީ ހަރަކާތްތައް ބާއްވާ އިރު، އެއީ ހަމަނުޖެހުމަށް މަގުފަހިވާ ކަންކަމަށް ވިޔަ ނުދީ ސުލްހަ އަށް މަގުފަހިވާ ކަންކަމަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

މީގެ އިތުރުން ގުޅިގެން ކަންކަން ކުރުމުގެ މުހިންމު ކަމަށާއި އެކި އެކި ގައުމުތަކުގައި ތިބޭ ރެފިއުޖީންނައި، ބައިމަދު ދަރިކޮޅުތައް ނުވަތަ މީސްތަކުންގެ އަޑުވެސް އިއްވޭނެ މާހައުލެއް ފަހިކޮށްދީ އަޑުއެހުމުގެ މައްޗަށް ވެސް ވާހަކަ ދައްކާފައި ވެއެވެ.

އަންނަ އަހަރު އާރް20 ސަމިޓްގެ ދެވަނަ އެޑިޝަން ނުވަތަ ދެވަނަ ސަމިޓް އިންޑިއާގައި ބާއްވާ އިރު އަންނަ އަހަރު ޖީ20 ގެ ސަމިޓްވެސް އޮންނާނީ އިންޑިއާގައެވެ.

އެ ސަމިޓްގެ ރިޔާސަތު އިންޑިއާއަށް ދީފައި ވާ އިރު، އާރް20 ގެ ބައްދަލުވުންތައް ވެސް ބަދަލުވަމުން ދާނީ ޖީ20 ގެ ބައްދަލުވުންތައް ބާއްވާ ތަރުތީބުން ފަހަރަކު ގައުމަކަށެވެ.