އިންޑިއާގެ ފޮރިން ޕޮލިސީ އާ ގުޅޭގޮތުން އެގައުމުގެ ތިންކް ޓޭންކް، އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއާރްއެފް) އިން ބުނީ، އިންޑިއާއިން އެންމެ އިތުބާރު ކުރާ ބޭރުގެ ބައިވެރި އަކީ ރަޝިއާ ކަމަށް ސާވޭއަކުން ދައްކައިފި ކަމަށެވެ.

އިންޑިއާގެ 19 ސިޓީއެއްގައި 5000 މީހުން ބައިވެރިކޮށްގެން ހެދި ސާވޭއަކަށް ފަހު އޯއާރުއެފް އިން ބުނީ، އިންޑިއާއިން މޮސްކޯއާ އޮންނަ ގުޅުން ރަނގަޅު ކަމަށާއި އިންޑިއާއަށް އެންމެ އިތުބާރު ބައިވެރި އަކީ ރަޝިއާ ކަމަށް 43 ޕަސެންޓް މީހުން ބުނެފައި ވާ ކަމަށެވެ. އެ ސާވޭގައި އެ ބައިވެރި އަކީ އެމެރިކާ ކަމަށް ބުނެފައި ވަނީ 27 ޕަސެންޓް މީހުންނެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށުމާއެކު، އިންޑިއާއިން ރަޝިއާ އާ މެދު ގެންގުޅޭ ސިޔާސަތަށް ހުޅަނގުން ވަނީ ފާޑު ކިޔާފައެވެ. ނަމަވެސް އިންޑިއާއިން ރަޝިއާ އާ އެކު އޮންނަ ވިޔަފާރީގެ މުއާމަލާތްތައް ވެސް އިތުރަށް ހަރުދަނާ ކޮށް، ހަތިޔާރާއި ތެލުގެ ވިޔަފާރި ފުޅާ ކުރިއެވެ. އިންޑިއާއިން ރަޝިއާ އާ އެކު އޮންނަ ގުޅުން ދަމަހައްޓަމުން ގެންދިޔަ އިރު، އެ ހަނގުރާމަ އާ ގުޅިގެން ހުޅަނގާއި އެމެރިކާއިން ކުރަމުން ދިޔަ ޕްރެޝަރުތަކަށް ވެސް އިންޑިއާ ދިޔައީ އަދި ދަނީ މަޑު މަޑުން ވަކި އަތަކަށް ބުރަނުވެ ތިބެ ކުރިއަށް ދާ ސިޔާސަތެއްގައެވެ.

އޯއާރްއެފް ގެ މިސާވޭގެ ބޭނުމަކީ އިންޑިއާގެ ފޮރިން ޕޮލިސީ ސިޔާސަތުތައް ކުރިއަށް ގެންދިޔުމުގައި ކަނޑައަޅާފައި ހުރި ލަނޑުދަނޑިތަކަކީ އެ ގައުމަށް އެންމެ ފައިދާ ހުރި ލަނޑުދަނޑިތަކެއްތޯ ދެނެގަތުމެވެ. އެކަމުގައި އެ ގައުމުގެ ރައްޔިތުން، ހާއްސަ ކޮށް ޒުވާނުންގެ ވިސްނުން ދެނެގަތުމެވެ.

2021 ވަނަ އަހަރުވެސް މިފަދަ ސާވޭއެއް ހެދިއެވެ. އެ ސާވޭ އާ އަޅާ ބަލާއިރު މިފަހަރުގެ ސާވޭގެ ތަރުހީބު ބޮޑު ކަމަށާއި މިހާރު އެކަށައަޅާފައި ވާ ސިޔާސަތުތައް ރަނގަޅު ކަމަށް ގިނަބަޔަކު ގަބޫލުކުރާ ކަމަށް ބުނެފައި ވެއެވެ.

މި ސާވެގައި ދޭދެ ގައުމުތަކުގެ ގުޅުމާއި، ޖިއޯ ޕޮލިޓިކްސްއާއި އދ ގައި އިންޑިއާ ގެންގުޅޭ ސިޔާސަތުތަކާއި އަވަށްޓެރި ގައުމުތަކާ މެދު އިންޑިއާގެ ސިޔާސަތުތަކާ ގުޅޭ ގޮތުންވެސް ސާވޭގެ ބައިވެރިންގެ ހިޔާލު ހޯދާފައި ވެއެވެ.

އެގޮތުން ސާވެގައި ބައިވެރިވި 80 ޕަސެންޓް މީހުން ބުނީ، 2 ގައުމެއް ފިޔަވައި އަވަށްޓެރިންނާ މެދު އިންޑިއާއިން ގެންގުޅޭ ސިޔާސަތާއި އަވަށްޓެރިން އިންޑިއާ އާ މެދު ގެންގުޅޭ ސިޔާސަތު ރަނގަޅު ކަމަށެވެ. އެ ދެ ގައުމަކީ ޕާކިސްތާނާއި އަފްގާނިސްތާނެވެ. މީގެ ކުރިން ހެދި ސާވޭގައި ބައިވެރި ވި މީހުން ބުނެފައި އޮތީ އެއީ ހަމައެކަނި ޕާކިސްތާން ކަމަށެވެ.

ގޮންޖެހުންތަކުގެ ގޮތުގައި ސާވޭގެ ބައިވެރިން ފާހަގަ ކޮށްފައި ވަނީ ކޮވިޑް 19 އާ އެކު އިގްތިސޯދަށް އައި ހީނަރު ކަމާއި، ޗައިނާ އާއި ޕާކިސްތާނުގެ އިމުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުން ތަކެވެ. އެ ބައިވެރިން ބުނި ގޮތުގައި ގޮންޖެހުން ތަކުގެ 90 ޕަސެންޓަކީ ކޮވިޑެވެ. 86 ޕަސެންޓް މީހުން ޓެރަރިޒަމްގެ ނުރައްކާ ފާހަގަ ކުރި އިރު، ޗައިނާ އާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގެ މައްސަލަ ފާހަގަ ކުރީ 84 ޕަސެންޓެވެ. ޕާކިސްތާނާ ގުޅޭ އިމުގެ މައްސަލަ ކަމަށް ބުނީ 82 ޕަސެންޓް މީހުންނެވެ.

މީގެ އިތުރުން އިންޑިއާ، މިހާރު ވަނީ ދުނިޔޭގެ ފެންވަރުގައި ބަސް ކިޔާ ގައުމަކަށް ވެފައި ވާ ކަމަށާއި އދ ގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެންބަރަކަށް ވުމަށް މިހާރު ކުރިމަތިލާން ޖެހޭ ކަމަށްވެސް ސާވޭގެ ބައިވެރިން ބުނެފައި ވެއެވެ.

މި ސާވޭގައި އެމެރިކާ އާއި ޗައިނާގެ ތަޅާފޮޅުމުގައި އިންޑިއާއިން ގެންގުޅެން ވީ ސްޑޭންޑް ނުވަތަ ސިޔާސަތާ ބެހޭ ގޮތުން ސުވާލު ކުރުމުން ބައިވެރިންގެ 49 ޕަސެންޓް ބުނެފައި ވަނީ ވަކިއަތަކަށް ޖެހިގެން ނުވާނެ ކަމަށެވެ.