އިންޑިއާގެ ބިހާރުން ރޭލަށް އެރިކަމަށް ބެލެވޭ މީހަކު ފާހާނާގައި މަރިވެފައި އޮވެ، އެ ރޭލު 900 ކިލޯ މީޓަރު ނުވަތަ 560 މޭލަށް ދަތުރު ކޮށްފިއެވެ.

ފުލުހުންނަށް މިކަން އެނގުނީ ރޭލުގައި ދަތުރު ކުރާ މީހުން، ނުބައި ވަހެއް ދުވާތީ ޝަކުވާ ކުރުމުން ފާހާނާގެ ދޮރު ހަލާކު ކޮށްލައިގެން ހުޅުވާ ބެލުމުންނެވެ.

ކާކުކަން އަދިވެސް ދެނެގަނެވިފައި ނުވާ އެ ހަށިގަނޑު ފާހާނާގައި އޮންނަތާ 2-3 ދުވަސް ވެދާނެ ކަމަށް އޮފިޝަލުން ބުނާ އިރު، އެއީ ކާކުކަން ދެނެގަތުމަށް މިހާރު ވަނީ އޭނާ އެރިކަމަށް ބެލެވޭ ބިހާރުގެ ރޭލްވޭ ސްޓޭޝަންގައި ނޯޓިސް ހަރުކޮށްފައެވެ.

ސަހާރްސާ އަމްރިތްސަރު ޖާން ސޭވާ އެކްސްޕްރެސްގައި ހިނގި މިހާދިސާގައި ފާހާނާގައި އޮތީ ފިރިހެނެއް ކަމަށާއި އޭނާ ފާހާނާއަށް ވަނީ އެކަނި ކަމަށާއި ފާހާނާގައި ހުއްޓާ ފިޓްޖެހި ގޮތެއް ވެގެން ކޯމާއަށް ދިޔައީ ކަމަށް އޮފިޝަލުން ލަފާކުރެެވެ.

މަރުވެފައި އޮތް މީހާ ފެނުނީ، ބިހާރުން ގޮސް ޝާހްޖަހާންޕޫރުން އަމްރިތްސަރަށް ނައްޓާލަން އުޅެނިކޮށް އާންމުންގެ ޝަކުވާ އާ އެކު ބެލުމުންނެވެ. މިއާއެކު ރޭލު އެރަށުން ފުރުން 5 ގަޑިއެއްހާ އިރަށް ލަސްވެގެން ދިޔަކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ އިރު ބިހާރުގައި މަރުވާ މީހުން ދެގެނުގަނެވި ދަނީ މަދު ހާލަތެއްގައި ކަމަށާއި މި މީހާ ދެނެގަތުމަށް 3 ދުވަސް ވާން ދެން މަސައްކަތް ކުރުމަށް ފަހު ހަށިގަނޑު އަންދާލާނެ ކަމަށް ބުނެއެވެ.