ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމުން އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އެއް މަސްދުވަހުގެ ތެރޭ ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެފްއޭއެމަށް އޭޑީކޭ އިން މިދިޔަ އޭޕްރިލް މަހު ދައުވާކުރީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ 5 އަށް އެ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ 1،703،084.75ރ އެއްފަހަރާ ހޯދުމަށެވެ. އެއީ އޭޑީކޭ އިން އެފްއޭއެމަށް ކޮށްފައިވާ 15 އިންވޮއިސަށް އަރާ ޖުމްލައެވެ.

އެ ދައުވާ އާ ގުޅިގެން މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި އެފްއޭއެމުން އެދުނީ، ދަރަނި ހަލާސްކުރުމަށް ފުރުސަތެއް ދިނުމަށެވެ. އެ އިދާރާ އިން ބުނީ، މިވަގުތު އެ ފައިސާ އެއްފަހަރާ ދައްކަން ދަތި ކަމަށެވެ.

އެކަމަކު އޭޑީކޭ އިން އެގޮތަށް އެއްބަހެއް ނުވިއެވެ. އެހެންވެ އެ ފައިސާ ދައްކާނެ މުއްދަތަކާ މެދު އެއްބަސްވުމަކަށް ނާދެވުމުން، މީގެ ކުރިން ހައިކޯޓުން ކުރި ހުކުމަކަށް ރިއާޔަތްކުރައްވައި، މައްސަލަ ބައްލަވާ ގާޒީ އަހްމަދު ނިމާލް ޖުނައިދު ހުކުމް ކުރެއްވީ، އެންމެ ރަނގަޅު ގޮތަކީ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ދައްކާ ހަލާސްކުރުމަށެވެ.

އެހެންކަމުން، އިއްޔެ އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެފްއޭއެމުން ސިވިލް ކޯޓަށް އެ ފައިސާ އެއްފަހަރާ ދައްކަން ޖެހޭނެއެވެ.

ކްލަބްތަކުގެ އިތުރުން އެތައް ބަޔަކަށް ދަރައި، އެފްއޭއެމް މާލީ ބޮޑު މައްސަލައެއްގެ ތެރެއަށް ވެއްޓިފައެވެ. އެގޮތުން ސްޓެލްކޯ އަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލާފައިވާއިރު، އެފްއޭއެމުން ކުޅުންތެރިންނާއި ކޯޗަށް ދޭން ޖެހޭ ފައިސާ ތަކެއް ނުދޭ މައްސަލަަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.