ހިންދޫ ދީނުގެ އަޅުކަމަކުން އައްޑޫ މަގުތަކުގައި ތާރުއަޅަން ފެށި މައްސަލަ ޕޮލިހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ އައްޑޫ މަގުގައި ތާރުއަޅަން ފެށުމުގެ ކުރިން ހިންދޫ ދީނުގެ އަޅުކަން ފަދައިން ކާއްޓެއް ދެއަތް ތެރެއަށްލާ މޫނާއި މޭގައި ޖައްސާ އެއްޗެއް ކިޔެވުމަށް ފަހު މަގުގައި އޮތް ތާރު އަޅާ މެޝިންގައި ޖަހާ ފަޅާލުމަށް ފަހު ކާށީގައި ހުރި ފެން އެ މެޝިން މައްޗަށް ބުރުއްސާ މަންޒަރެވެ. ހިންދޫންގެ ހުރިހާ އަަޅުކަމެއް (ޕޫޖާ) އެއްގައި ކާށި ފެޅުމަކީ އާންމު ކަމެކެވެ.

އެ މައްސަލަ އިސްލާމިކް މިނިސްޓްރީ އިން ފުލުހަށް ހުށަހަޅައިފައިވާއިރު ފުލުހުން ބުނީ ހިތަދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން މި މަހުގެ 1 ވަނަ ދުވަހު އެ އަވަށު ކެނެރީ މަގުގައި ތާރު އަޅަން ފެށުމުގެ ގޮތުން ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެހެން ދީނެއްގެ އަޅުކަން ކޮށްފައިވާ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވާއިރު ރާއްޖޭގެ ރަށެއްގައި އެހެން ދީނެއްގެ ޝިއާރެއް ބޭނުން ކޮށްގެން އެއްވެސްކަމެއް ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެއް ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

މިނިސްޓަރު އަހުމަދު ޒާހިރު ވަނީ ރާއްޖޭގައި ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ރާއްޖެއިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރި ވާތީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އެފަރާތްތައް އަހުލުވެރި ކުރުވުމަށް ކަމާގުޅުން ހުރި ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.