ހޯޑެއްދޫއާއި ފަޅު ރަށަކުން ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން މި ފަހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެންމެ ފުރަތަމަ މަސްތުވާތަކެތި ހޯދާފައި ވަނީ ހޯނޑެއްދޫގައި ވަޅުލާފައި ހުއްޓާ ކަމަށާއި އެއީ 13 ކިލޯގެ ހެރޮއިން ކަމަށެވެ.

އެ އޮޕަރޭޝަނުގައި މިއަދު 69 ކިލޯގެ މަސްތުވާތަކެތި ހޯދާފައި ވަނީ ހޯނޑެއްދޫގެ އިތުރުން އެތާ ކައިރި އޮންނަ ފަޅު ރަށަކުން ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ މިއާއެކު އެ އޮޕަރޭޝަންގައި މިހާތަނަށް 82 ކިލޯގެ ހެރޮއިން އާއި މެތު ފެނިފައިވާ ކަމަށެވެ.

މި މަހުގެ 25 ވަނަ ދުވަހު ހޯޑެއްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކުރި ނަމަވެސް ހައްޔަރުކޮށްގެން ގެންދަނިކޮށް އަބްދު ﷲ ރަޝީދު ވަނީ މަރުވެފައެވެ. ބަންދުގައި މިހާރު ތިބި ދެ މީހުންގެ ބަންދުގެ މުއްދަތުގެ ގޮތުގައި ފުރަތަމަ ޖެހި 7 ދުވަހުގެ މުއްދަތު ހަމަވެ މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އިތުރު 10 ދުވަހުގެ މުއްދަތެއް ޖަހާފައެެވެ.