ޗައިނާ އާއި ރަޝިއާވެސް ހިމެނޭ ގޮތުން އުފައްދާފައި އޮންނަ ޝެންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ގައުމުތަކުގެ މެދުގައި ހިންގޭ އިގުތިސޯދީ މުއާމަލާތްތައް ދުނިޔޭގެ އުތުރާއި ދެކުނަށް ފުޅާ ކުރަން އީރާނުގެ ބަނދަރަކީ މުހިންމު ތަނެއް ކަމަށް އިންޑިއާއިން ބުނެފިއެވެ.
އެސްސީއޯ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އިއްޔެ އިންޑިއާއިން ބުނީ، އީރާނުގެ ޗަބާހާރުގެ ބަނދަރަކީ މިހާރުވެސް އިގްތިސޯދީ ގިނަ ހަރަކާތްތަކެއް ގުޅުވައިދޭ މުހިންމު މަގެއް ކަމަށާއި އެ ބަނދަރުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ބޭނުން ހިފޭނަމަ، ދުނިޔޭގެ ދެ ބިތަށް ވިޔަފާރި ފުޅާކުރުމުގައި އެސްސީއޯގެ ގައުމުތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެސްސީއޯގައި ހިމެނެނީ، ޗައިނާއާއި ކަޒަގިސްތާނާއި ކިރިގިސްތާނުގެ އިތުރުން ރަޝިއާ އާއި ތަޖިކިސްތާނު އަދި ޗައިނާއާއި ޕާކިސްތާނާއި އިންޑިއާއެވެ.
ޗަބާހާރު ބަނދަރަކީ، މިހާރުވެސް އިންޑިއާގެ މުމްބާއީން ސީދާ ދަތުރުތައް ކުރާ އެވްރެޖްކޮށް 140 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދާ މަގެވެ. ޕާކިސްތާނުގައި ޗައިނާއިން އެހީވާ ގްވޭދާރު ބަނދަރާ 72 ކިލޯމިޓަރު ދުރުގައި އީރާނުގެ އިރު ދެކުނުން ގަލްފް އޮފް އޮމާން އަށް ވާގޮތަށް އޮންނަ ބަނދަރަކީ "ރަނުގެ ދޮރާށި" ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ބަނދަރެކެވެ.
ޗަބާހާރު ބަނދަރަކީ އެ ބަނދަރާ އިންވެގެން އިތުރު ދެ ބަނދަރެއް، ޝާހިދު ކަލާންތާރީ އާއި ޝާހިދު ބެހެޝްތީ ވެސް ގުޅިފައި އޮންނަ މައި ބަނދަރެކެވެ. މިތަނުން ޝާހިދު ބެހެސްތީ ބަނދަރު މިހާރުވެސް ހިންގަނީ އިންޑިއާގެ ޕޯޓްސް ގްލޯބަލް ލިމިޓެޑުންނެވެ.
ޗަބާހާރު ބަނދަރުގެ މުހިންމު ކަމުގެ ވާހަކަ އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ޑރ. ޖަޔާ ޝަންކަރު ފާހަގަ ކުރައްވައި ވިދާޅުވީ، އިންޑިއާ ހިމެނޭ ގޮތުން ސަރަހައްދާއި ދުނިޔޭގެ އުތުރާއި ދެކުނަށް ވިޔަފާރި ފުޅާ ކުރުމަށް އެބަނދަރުގެ ބޭނުން ފުރިހަމަ އަށް ހިފަން ޖެހޭ ކަމަށެވެ. އަދި އެސްސީއޯގެ މެންބަރު ގައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކޮށް ވަރުގަދަ ކުރަން އިންޑިއާއިން ބޭނުން ވާ ކަމަށާއި ދުނިޔެއަށް ދިމާވެފައި ވާ ކާބޯތެކެތީގެ ދަތިކަމަށް ހައްލު ހޯދުމަށްވެސް އެ ގުޅުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއިން ޗަބާހާރުގެ ބަނދަރުގެ ހަރަކާތްތައް ފުޅާ ކުރުމަށް ހުށަހެޅި އިރު އެ ބަނދަރު އޮންނަ ތަނުގެ ގޮތުން، އަފްގާނިސްތާނަށް، ޕާކިސްތާނާ ނުބައްސާ ވިޔަފާރީގެ މުއާމަލާތްތައް އިންޑިއާ އާ އެކު ހިންގަން ފަސޭހަވާނެއެވެ. އަދި އަފްގާނިސްތާނުގެ މައްޗަށް ޕާކިސްތާނުން އަތްގަދަ ކުރުމަށް އޮންނަ ހުރަސްތައްވެސް ލުއިވެގެން ދާނެއެވެ. ޗަބާހާރު ބަނދަރުގެ ފަސޭހަތައް އަފްގާނިއްތާނަށް ލިބޭ އިރު ޕާކިސްތާނުގެ ބަނދަރުގެ ބޭނުން ކުރަން އަފްގާނިސްތާނަށް ހުރަހެއް ނެތެވެ. ޗަބާހާރު ބަނދަރުން އިންޑިއާއަށް އޮތް އަނެއް ފައިދާ އަކީ، އަރަބި ކަނޑުގައި ޗައިނާގެ ދައުރު ހަނިވެގެން ދިޔުމާއެކު ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ ދައުރުވެސް ހަނިވުމެވެ. އޭގެ އިތުރުން މެދުއިރުމައްޗާއި އެހެން ސަރަހައްދުތަކުން ތެލާއި، ދަގަނޑާއި، ހަކުރު އަދި ހަނޑޫ އެތެރެ ކޮށް އަދި ބޭރު ކުރުމުގައި ބޮޑުތަނުން އަގު ހެޔޮ ވުމަކީވެސް އިންޑިއާއަށް އޮތް ފައިދާއެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ސްއޭޒް ކެނަލުން ގެންނަ މުދާ، ޗަބާހާރު ބަނދަރުން އިންޑިއާއަށް ގެންދާނަމަ 30 ޕަސެންތް އަގު ހެޔޮވެއެވެ. މީގެ އިތުރުން ނެޗުރަލް ގޭސް ވެސް އަގުހެޔޮކޮށް އިންޑިއާއަށް ލިބޭނެއެވެ. މިހާރުވެސް އިންޑިއާ އަކީ ތުރުކުމަނިސްތާނާއި، އަފްގާނިސްތާނާއި ޕާކިސްތާން އަދި އިންޑިއާ ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ (ޓަޕީ) ޕައިޕްލައިންގެ މެންބަރެކެވެ. އަދި މިހާރުވެސް އިންޑިއާއިން ވަނީ އީރާނުން ގަންނަ ތެލުގެ މިންވަރު އިތުރު ކޮށްފައެވެ.
އިންސާނީ ވަސީލަތްތަކުގެ ދާއިރާއިން ފޯރުކޮށްދޭ އެހީ ޗަބާހާރު މަގުން ފޯރުކޮށް ދިނުމުގައި އިންޑިއާ އަށް އޮންނަ ފަސޭހައިގެ އިތުރުން، ރަޝިއާ، އީރާން، ޔޫރަޕް އަދި މެދުތެރޭ އޭޝިއާއަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި މި ބަނދަރަކީ އިންޑިއާއަށް "ރަން ދޮރާއްޓެއް" އެވެ.
އުތުރާއި ދެކުނުގެ ވިޔަފާރީގެ ދޮރާށި ނުވަތަ ޗަބާހާރު މަގުން ގުޅާލަ ދޭ އެ ބަނދަރަކީ، އެއްގަމާއި ކަނޑާއި ރެއިލްވޭ ގެ ޒަރީއާއިން ވެސް މުއާމަލާތް ހިންގޭ ގޮތަށް ތަރައްގީ ކޮށްފައިވާ ބަނދަރެކެވެ.