މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ފުރާވަޑައިގެންފިއެވެ.

ރޭ މުފްތީ މެންކް ފުރާ ވަޑައިގެންނެވި އިރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހްމަދު ޒާހިރު އަލީ ވަނީ މުފްތީ މެންކް އާ ރޭ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި މިނިސްޓްރީން ދެއްވި ދައުވަތު ގަބޫލުކުރައްވާ ރާއްޖެއަށް ވަޑައިގެން މާލެ އާއި އަތޮޅުތެރޭގައި ވެސް ދީނީ ތަގްރީރުތައް ދެއްވިކަމަށްޓަކައި އުފާކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުފްތީ މެންކް ދަރުސް ދެއްވި މައުލޫތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު މައުލޫތަކެއް ކަމަށާއި މުފްތީ މެންކަކީ ދިވެހިންގެ ނުހަނު ލޯތްބާއި އިހްތިރާމް ލިބިލައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މުފްތީ މެންކުގެ މި ފަހަރުގެ ދަރުސްތަކުން ވެސް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މާ ދުރު ނޫން މުސްތަގުބަލެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާނެ ކަމަށް ވެސް މިނިސްޓަރު މި ބައްދަލުވުމުގައި ވިދާޅުވިއެވެ.

މެންކުގެ ވާހަަކަފުޅުގައި ރާއްޖެ އައުމަށް ދައުވަތު ދެއްވީތީ ވަރަށް އުފާ ކުރައްވާ ކަމަށާއި އަދި ރާއްޖެ އައުމުން ބެހެއްޓެވި ގާތްކަމާއި މެހްމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާ މަސައްކަތަށްޓަކައި ޝުކުރު އަދާކުރައްވާ އެ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުއާ ކުރެއްވިއެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަނީ ތަފާތު މައުލޫތަކަށް ދަރުސް ދެއްވާފައެވެ. މިއިން ކޮންމެ ދަރުހަކަށް ވެސް އެތައް ބަޔަކު ހާޒިރުވި އިރު ރޭޑިއޯ އާއި ޓީވީ އަދި އޮންލައިންކޮށް ވެސް މި ދަރުސްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.