އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އުފަން ރަށް ގުޖުރާތުގެ މޯބީއިން އަހުމަދުއާބާދަށް ކޯރެއް ހުރަސްކޮށް ދާން އޮންނަ ބްރިޖް ކަނޑައިގެެން ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާ ތަހުގީގު ކޮށް ތަފްސީލީ ރިޕޯޓެއް ބޭނުންފުޅުވާކަމަށް މޯދީ ވިދާޅުވެއްޖެއެވެ.

މިހާދިސަ ހިނގި އިރު މޯދީ ހުންނެވީ 3 ދުވަހުގެ ޗުއްޓީއެއްގައި އުފަން ރަށް ގުޖުރާތަށް ވަޑައިގެން ކަމުން، ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މޯދީ ވިދާޅުވީ، ތަގުގީގު އަވަސް ކުރުމަށާއި ތަހުގީގުން ފާހަގަވާ ކަންކަން ދެނެގަނެ ލަސްނުކޮށް ފިޔަވަޅުވެއް އަޅަން ޖެހޭނެ ކަމަށެވެ.

އިނގިރޭސި އިސްތިއުމާރުގެ ދުވަސް ވަރު ޕްލެޓްފޯމެއްގެ ދެފަރާތުން މަތީގައި އޮންނަ ދެ ވަޔަރަށް ވާންކޮށް ހުރަސް ވާ ދަމާ ހަދާފައި އޮތް މި ބްރިޖު، ބާ ވެގެން މަރާމާތު ކުރުމަށް ބަންދު ކޮށްފައި އޮންނަތާ 6 މަސް ފަހުން ހުޅުވާލީ ހުސްވި ހަފްތާގައެވެ.

އިންޑިއާގެ އީދެއް ކަމަށް ވާ ދިވާލީ އާއި ޗުއްޓީ ދުވަސް ވަރާ ދިމާކޮށް ބްރިޖް ހުޅުވާލުމާއެކު، ބްރިޖަށް އަރަން 400 މީހަކަށް ޓިކެޓް ވިއްކި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ބްރިޖް ކަނޑައިގެން ވެއްޓުނު އިރު، 200 ވަރަކަށް މީހުން އަރާ ތިބި ކަމަށާއި، އެ އެންމެނާއެކު ކޯރުތެރެއަށް ވެއްޓިގެން ދިޔަ އިރު އެއް ބަޔަކު ވަޔަރުތަކުގައި އެލިގެން ތިބެތަން ފެނެއެވެ. އަނެއް ބަޔަކު ވެއްޓިގެން ދިޔައީ އެކަކު ބޯމައްޗަށް އަނެއްކަކު ވެއްޓޭ ގޮތަށް، ގާތްގަނޑަކަށް 70 ވަރަކަށް ފޫޓު މަތިންނެވެ.

މޯބީގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ކޯރު ތެރެއަށް ވެއްޓުނު މީހުން، ގާތްގަނޑަކަށް 33 ފޫޓު އަޑިއަށް ދިޔައެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 135 އަށް އަރާފައި ވާ އިރު މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 200،000 ރުޕީސް (2،428 އެމެރިކާ ޑޮލަރު) ދެއްވާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. އަދި ޒަހަމްވި ކޮންމެ މީހަކަށް 50،000 ރުޕީސް (607 އެމެރިކާ ޑޮލަރު) ދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ އާ ގުޅިގެން އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވީ، އެ ހާދިސާ ސިޔާސީ ކުރައްވަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ދިއްލީގައި ގިނަ ބަޔަކު އިހުތިޖާޖު ކޮށްފައި ވާ އިރު އެމީހުން ގޮވާލާފައި ވަނީ މަރުވި މީހުންނާއި ޒަހަމްވި ކޮންމެ މީހެއްގެ އާއިލާއަށް 2 މިލިއަން ރުޕީސް (24،000 އެމެރިކާ ޑޮލަރު) ދިނުމަށެވެ.

ބްރިޖާ އެކު ވެއްޓުނު މީހުން ހޯދަން އޮފިޝަލުން މަސައްކަތް ކުރާ އިރު ބަޔަކު ބަލަހައްޓައިގެން

233 މީޓަރު ދިގު 1.25 މީޓަރު ފުޅާ މި ބްރިޖް މަރާމާތު ކުރަން ހަވާލު ކުރީ މޯބީގައި ގަޑި ހަދާ ކުންފުންޏަކަށެވެ. ފުޅާ ދާއިރާއެއްގައި ގަޑި ހަދާ ކުންފުންޏަކަށް ބްރިޖެއް ހަދަން ނުވަތަ މަރާމާތު ކުރަން ދިން މައްސަލައިގައި ސުވާލުތައް އުފެދިފައި ވާ އިރު، އެ ކުންފުންޏަށް މަސައްކަތް ހަވާލު ކުރީ 20 މިލިއަން ރުޕީސް އަށެވެ.

މިހާދިސާ ފުލުހުން ތަހުގީގު ކުރަމުން ދާ އިރު އެ މައްސަކަތް ހަވާލު ކުރި ކުންފުނީގެ 2 އޮފިޝަލަކު މިހާރު ހައްޔަރު ކޮށްފި ކަމަށް އެންޑީޓީވީން ބުނެފައި ވެއެވެ.