ގދ. ހޯޑެއްދޫގައި ފުލުހުން ހިންގި އޮޕްރޭޝަންގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު ހޯޑެއްދޫގައި ހިންގި އެ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކުރި ނަމަވެސް ހައްޔަރުކޮށްގެން ގެންދަނިކޮށް އަބްދު ﷲ ރަޝީދު ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ އެ އޮޕްރޭޝަނުގައި ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި އެ އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ފުރަތަމަ 7 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު އެ މުއްދަތު އިއްޔެ ހަމަވެގެން 10 ދުވަސް ވަނީ އިތުރުކޮށްފައެވެ.

އެ މައްސަލާގައި ހައްޔަރުކޮށްގެން ގެންދަނިކޮށް މަރުވި ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެގެ ހެނދުނު ވަގުތެއްގައި ފޮނުވާފައިވާއިރު ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ކަމަށް ބުނެ އާއިލާއިން ކޯޓަށް ހުށަހެޅި ނަމަވެސް އެފަދަ އަމުރެއް ނެރެދީފައެއް ނުވެއެވެ.