ކޮވިޑަށް ޒީރޯ ޓޮލަރޭންސް ސިޔާސަތެއް ތަންފީޒު ކުރަމުން ދާ ޗައިނާގެ ޝެންގްހާއީ ޑިޒްނީ ޕާކުގައި އެތައް ހާސް ބަޔަކު ތިއްބާ އެތަން ލޮކްޑައުން ކޮށް ނެގެޓިވް ޕީސީއާރު ނުދައްކަނީސް ނުނުކުމެވޭނެ ކަމަށް ބުނެފިއެވެ. ޕާކުގައި މިވަގުތު ތިބި ސީދާ އަދަދު ސާފު ނުވިނަމަވެސް ހައެއްކަ ހާސް މީހުން ތިބޭނެ ކަމަށާއި ޕީސީއާރު ނެގެޓިވް ވާ މީހުން ނުކުންނަމުން ދާކަމަށް ބުނެއެވެ.
ޑިޒްނީ ޕާކް ބަންދު ކުރީ، ޝެންގްހާއީ އިން 10 މީހަކު ކޮވިޑަށް ޕޮޒިޓިވު ވުމާ ގުޅިގެންނެވެ. ޗައިނާގައި ކޮވިޑާ ގުޅިގެން ގެންގުޅޭ ސިޔާސަތުގެ ސަބަބުން މިހާރުވެސް އެތަން މިތާނަގައި މިލިއަަނެއްހާ މީހުން ބަންދުވެފައި ވާ އިރު ޝެންގްހާއީ ޕާކް ބަންދު ކުރުމާ އެކު އެ ޝަހަރުގައި ހުންނަ ބޮޑެތި މޯލްތަކާއި ޝޮޕިންގް ކޮމްޕްލެކްސް ތަކުން އާންމުން ވަނީ ދުވެ ނުކުމެފައެވެ. އެފަދަ އެއް ތަނަކީ އެ ޝަހަރުގައި ހުންނަ އިކިއާއެވެ. އެތައްހާސް ބަޔަކު އެއްފަހަރާ ވަދެ ވިޔަފާރި ކުރާ އިކިއާ ގައި ތިބި މީހުން އެވަގުތު ވަނީ ދުވަމުން ދުވަމުން ނުކުމެފައެވެ.
ޝެންގްހާއީ ޑިޒްނީ ޕާކު ބަންދު ކުރި އިރު އެ ޕާކާ އިންވެގެން އޮންނަ ވިޔަފާރީގެ މަގުތައްވެސް ވަނީ ބަންދު ކޮށްފައެވެ.
ޕާކުގައި މީހުން އުޅޭތަން ފެންނަ ވީޑިއޯތައް ޗައިނާގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްސް ތަކުގައި ޝާއިއު ކޮށްފައި ވާ އިރު އެތަނުން އެއް ވީޑިއޯއެއްގައި ޝެންގްހާއި ސަރުކާރުގެ އޮފިޝަލަކު ބުނެފައި ވަނީ، އެ ޕާކަށް އެއްވެސް މީހަކަށް ދެން ނުވަދެވޭނެ ކަމަށާއި އެތެރޭގައި ތިބި މީހުންނަށް ނުކުމެވޭނީ ނެގެޓިވް ނަތީޖާއާ އެކު ކަމަށާއި، ބުރާސްފަތިން ފެށިގެން ޕާކުގައި ތިބި މީހުންނަށް ނުކުމެވޭނީ ކޮންމެ ދުވަހަކަށް ނެގެޓިވް ނަތީޖާއެއް ދައްކާފައި ކަމަށެވެ.
ޕާކު އަލުން ހުޅުވާނެ ދުވަހެއް ސަރުކާރުން ބުނެފައި ނުވާ އިރު ޕާކުގައި ތިބި މީހުންގެ ޓިކެޓްގައި 6 މަހުގެ މުއްދަތު އެބައޮތެވެ. ނަމަވެސް ޑިޒްނީން ބުނެފައި ވަނީ ޓިކެޓް ތައް ރީފަންޑް ކޮށްދޭނެ ކަމަށެވެ.
ޕާކް މިފަހަރު މި ބަންދު ކުރީ، ކޮވިޑާ ގުޅިގެން ގައިދުރުކަމުގެ ސިޔާސަތު ތަންފީޒު ކުރަމުން ޕާކަށް ވަދެވޭ އަދަދު ކޮންޓްރޯލްކޮށް ހުޅުވާފައި ވަނިކޮށެވެ.
މީގެ ކުރިންވެސް މި ޕާކް ބަންދު ކޮށްފައި ވާ އިރު އެފަހަރު 30،000 މީހުން އެތެރޭގައި ތާށިވިއެވެ.
ޗައިނާގައި ކޮވިޑް ފެށުނު ފަހުން މިހާތަނަށް އެކި ސިޓީތަކުގެ 200 އަށް ވުރެ ގިނަ ތަން މިހާރުވެސް ހުރީ ލޮކްޑައުން ކޮށްފައެވެ. އާބާދީގައި 1.45 ބިލިއަން މީހުން ހިމެނޭ ޗައިނާގައި މިހާރު ޕޮޒިޓިވް ވާކަމަށް ރެކޯޑަތަކުން ދައްކަނީ ދުވާލަކަށް 1000 މީހުންނެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކާއި އަދި އާބާދީ އާ އަޅާބަލާ އިރު އަދަދަކަށް ނުވާ އަދަދެއް ކަމަށް ވިޔަސް، ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެފައި ވަނީ ކޮވިޑް ޒީރޯ ސިޔާސަތަށް ބަދަލެއް ނެތް ކަމަށާއި އެއްކޮށް ކޮވިޑް ފިލައިގެން ދާންދެން ސިޔާސަތު ދަމަހައްޓަވާނެ ކަމަށެވެ.
ޗައިނާގެ މިސިޔާސަތުގެ ސަބަބުން އެގައުމުގެ އިގުތިސޯދަށްވެސް ދަނީ އަސަރު ކުރަމުންނެވެ. އެ ގޮތުން ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި ޖީޑީގެ ކުރިއެރުމުގެ ނިސްބަތް 2.6 ޕަސެންޓަށް ވަނީ ދަށްވެފައެވެ.