އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށް އެ ގައުމުގައި ދިރިއުޅެމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ތިން އަހަރު ފަހުން އަމިއްލަ ފަސްގަނޑަށް އައުމުގެ ދަތުރު ފަށައިފިއެވެ.

ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބޯޑިން ޕާސް އާއެކު ނަގާފައިވާ ފޮޓޯ އެއް ހިއްސާކުރަމުން ބުނީ ތިން އަހަރުފަހުން އަމިއްލަ ގައުމަށް ދާން އުޅޭ ކަމަށެވެ. 2018 ވަނަ އަހަރު އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނިކޮށް އެމެރިކާގައި ދިރިއުޅެމުން އަންނަ ޕްރިޔަންކާ އަށް ވަނީ ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ވެސް ލިބިފައެވެ. ދެމަފިރިންގެ އަލަތު ދަރިފުޅުގެ ނަމަކީ މާލްތީ މާރީ ޖޯނަސް ޗޯޕްޅާ އެވެ.

ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏަކީ މުޅި ދުނިޔޭގެ ލޯތައް އަމާޒުވި ކައިވެންޏެވެ. އިންޑިއާގެ ސަގާފަތާއި އެއްގޮތަށް މިދެތަރިން ކައިވެނިކުރުމަށްފަހު ވަނީ އެމެރިކާގެ ސަގާފަތާ އެއްގޮތަށް ކައިވެނިކޮށް ކައިވެނި ހަފްލާ ބާއްވާފައެވެ. ބަތަލާ ޕްރިޔަންކާ އެންމެ ފަހުން އިންޑިއާގައި އުޅުނީ 2019 ވަނަ އަހަރުއެވެ. އެ އަހަރަކީ އޭނާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމު ރިލީޒްވި އަހަރުވެސްމެއެވެ. ތިން އަހަރު ވަންދެން ބޮލީވުޑް މަސައްކަތުންވެސް ބްރޭކެއްގައި ހުރުމަށްފަހު އެނބުރި މުމްބާއީ އަށް ޕްރިޔަންކާ އަންނައިރު އޭނާ އަތުގައި ފިލްމެއްގެ މަސައްކަތް އެބައޮތެވެ.

ފަރުހާން އަހްތަރު ޑައިރެކްޓްކޮށް ގެނެސްދޭ "ޖީލޭ ޒަރާ" ގައި ޕްރިޔަންކާ އާއެކު ބަތަލާ އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކެއިފްވެސް ހަރަކާތްތެރިވާނެއެވެ.

ބަތަލާ ޕްރިޔަންކާ އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ފަންނާނެކެވެ. އޭނާގެ ބައެއް ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ބޭވޮޗް"، "ބާޖިރާއޯ މަސްތާނީ"، "ޑޮން 2" އަދި "ދޯސްތާނާ" ހިމެނެއެވެ.