އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލާގައި ޕޭޝަންޓް ޗާޓު ނުލިބޭތީ ހެކިބަސް ނެގުން މަޑުޖައްސާލަން ނިންމައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

މިމައްސަލައިގެ ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި މޭރީ ގްރޭސްގެ މެޑިކަލް ޗާޓު ހޯދުމަށް އެދިފައިވާތީ، އެ ނުލިބެނީސް ހެކިބަސް ނެގުމަށް އިއުތިރާޒުކުރައްވާނެ ކަމަށް ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ ޕޭޝަންޓު ޗާޓުތައް އޮތް ކަން ނުވަތަ ނޫން ކަން ވެސް އަދި ސާފުވެފައި ނުވާ ކަމަށާއި އަދި، މިއަދު އެކަން އައިޖީއެމްއެޗުން ސާފުކުރާނެ ކަމަށެވެ.

މިމައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ، ޕޭޝަންޓު ޗާޓު އޮތް ނަމަ، ލަމްހާއަށް ހަވާލުކޮށްދިނުމަށް ޝަރީއަތުން ނެރެފައިވާ އަމުރެއް އޮތުމުން، އެ އަމުރާ އެއް ގޮތަށް އެ ކަން ސާފުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

އަދި އެ މައުލޫމާތު ސާފުނުކޮށް އެ ކަމާ ގުޅުން ހުރި މީހުންގެ ހެކިބަސް ނުނެގޭނެ ކަމަށް ގާޒީ ނިންމެވިއެވެ.

ނަރުހުންގެ ހެކިބަސް ނެގުމަށް މާދަމައަށް އަޑުއެހުމެއް އޮތީ ތާވަލުކޮށްފައެވެ.

މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ޖުމުލަ 110 ހެއްކެއް ވަނީ ހުށަހަޅާފައެވެ. އެއީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކެވެ.