ފާއިތުވި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދާނެ ކަމަށް އިއުލާނު ކުރެއްވި ވަރަށް ވުރެ އިތުރަށް ކުރިއަރައިފި ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ލަފާކޮށް މިދިޔަ އަހަރު ބަޖެޓް ހުށަހެޅި އިރު، މިނިސްޓަރު އޭރު އިއުލާނު ކުރެއްވީ، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު 31.6 ޕަސެންޓުން ކުރިއަރާނެ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު 41.7 ޕަސެންޓުން ކުރިއަރައިގެން ހިނގައްޖެ ކަމަށް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.
"2021 ވަނަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރާފައި. މިއީ ވޭތުވެދިޔަ އަހަރުގެ ބަޖެޓު ބަޔާނުގައި އަޅުގަނޑު އިއުލާނުކުރި އަދަދާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރު އަދަދެއް. މީގެ ސަބަބަކީ ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް އޭރު އަންދާޒާ ކުރި މިންވަރަށްވުރެ ވެސް އިތުރުވުން."
އަމީރު ވިދާޅުވީ، އަންނަ އަހަރުގެ އިގްތިސޯދު ކޮވިޑް-19 ގެ ކުރީގެ އިގްތިސޯދަށް ވުރެ ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ވެސް ރާއްޖޭގެ އިގްތިސޯދުގެ ރިކަވަރީ ބާރަށް ކުރިއަށް ދާނެއެވެ. އެއާއެކު، އަމީރު ވަނީ މި އަހަރު ރާއްޖޭގެ އިގްތިސޯދު 12.3 ޕަސެންޓުން ކުރިއަރައި، އަންނަ އަހަރު 7.6 ޕަސެންޓުން ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރައްވައިފައެވެ.
އަންނަ އަހަރަކީ ރާއްޖޭން ޓޫރިޒަމްގެ ރެކޯޑުތައް މުގުރާލާނެ އަހަރެއް!
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސޯދު އަންނަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންނެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން މިދިޔަ އަހަރު ރާއްޖެ އަށް އައި ފަތުރުވެރިން ބޮޑުތަނުން އިތުރުވެ، މި އަހަރު ވެސް އެއްވާނެއްގައި ހިފެހެއްޓެމުންދާ ކަމަށެވެ.
މި އަހަރަށް ސަރުކާރުން އަންދާޒާކޮށްފައި ވަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. މިނިސްޓަރު ލަފާކުރައްވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން އެ އަދަދަށް ރާއްޖެ އަށް ފަތުރުވެރިން އަންނާނެއެވެ.
"އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އަޅުގަނޑުމެންގެ އަންދާޒާ އަށް ވުރެ މަތިވާނެ. 2023 ވަނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ. މިއީ 2019 އަށް ވުރެ ގިނަ އަދަދަކަށް ޒިޔާރަތް ކުރާނެ، ފަތުރުވެރިކަމުގެ ރެކޯޑްތައް މުގުރާލާނެ އުންމީދު ބޮޑު އަހަރެއް."
ފަތުރުވެރިކަމާ އެކު އެހެން ދާއިރާތައް ކުރިއަރައި، ވަޒީފާގެ އިތުރު ފުރުސަތުތައް!
އަމީރު ވިދާޅުވީ، ފަތުރުވެރިކަމާ އެކު، ދަތުރުފަތުރާއި، މުވާސަލާތާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން، ދައުލަތުންނާއި ޕްރައިވެޓް ސެކްޓަރުތަކުން ހިންގާ މަޝްރޫއުގެ އެހީގައި އިމާރާތްކުރުމުގެ ދާއިރާ ކުރި އަރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަށް އަންނަ އިގްތިސޯދީ ކުރިއެރުމާއެކު ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި އިތުރުވަމުން އެބަ ދެއެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 10 ޕަސެންޓު އިތުރުވެފައި ކަމަށް ވިދާޅުވެ، އިގްތިސޯދީ ކުރިއެރުމާ އެކު އަންނަ އަހަރު ވެސް ވަޒީފާތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.
"ސިނާއީ އަދި އިގްތިސޯދީ ކުރިއެރުމާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އުފެދޭ ވަޒީފާގެ އަދަދު ދަނީ ގިނަވަމުން. 2023 ވަނަ އަހަރުވެސް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމާ އެކު ވަޒީފާތައް އިތުރުވާނެ ކަމަށް ބެލެވޭ."
އަންނަ އަހަރުގެ މެދެއްހާ ހިސާބު އިންފްލޭޝަން ރޭޓު ދަށްވާނެ
ރާއްޖޭގެ އިގްތިސޯދު ކުރިއަރައި ދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލި، އިންފްލޭޝަން ރޭޓް ހުރީ މަތީގައެވެ. ނަމަވެސް ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރު ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، އެ ސިޔާސަތުތައް ދާއިމީކޮށް ދަމަހައްޓައިފި ނަމަ، ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ އަސަރު ކުރާނެ ކަމަށާއި، އެހެންކަމުން އެ ސިޔާސަތުތައް އިސްލާހު ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ލަފާކުރައްވާ ގޮތުގައި އަންނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނީ 5.4 ޕަސެންޓުގައެވެ. ނަމަވެސް އަންނަ އަހަރުގެ މެދެއްހާ ހިސާބު އިންފްލޭޝަން ރޭޓު ދަށްވާނެ ކަމަށް އޭނާ ލަފާކުރައްވައެވެ.
އިމްޕޯޓް މުދަލުގެ އަގު އިތުރުވެ، ރިޒާވް އިތުރުކުރުމަށް ހުރަސްތަކެއް
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ހަލުވިވެ، އިމްޕޯޓްކުރާ މުދާ ވެސް އިތުރުވެއްޖެ ކަމަށެވެ. އެއާއެކު އިމްޕޯޓް މުދަލުގެ އަގުތައް އިތުރުވެފައިވާ ކަމަށާއި، ނަތީޖާގެ ގޮތުން ރަސްމީ ރިޒާވް އިތުރުކުރުމަށް ހުރަސްތަކަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރު ނިމޭއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނީ 638 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި، އަންނަ އަހަރު ރަސްމީ ރިޒާވް 606 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ، އެކަމަކު ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓި، އިގްތިސޯދީ މަސައްކަތްތަކަށް ބޭނުންވާ ބޭރު ފައިސާގެ ސަޕްލައި ދަތިނުވާނެ މިންވަރަށް ހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވައެވެ.