ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވި ކަސްޓަމްސްގެ މުވައްޒަފަކު 3 މަހަށް ޖަލަށް ލައިފިއެވެ.

ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުން ދިޔަ މަހުމޫދު ރިޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާއަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށެވެ. އަދި ރިޔާޒުގެ މައްޗަށް 7 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރުމަށް ނިންމި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 6 މަހާއި 10 ދުވަސްކަމަށް ގާޒީ ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމުގައި ވަނީ ރިޔާޒު ޖަލު ހުކުމެއްގެ ގޮތުގައި ތަންފީޒުކުރަން ޖެހޭނީ ތިން މަހާއި 10 ދުވަހެއް ކަަމށާއި ގޭބަންދުގައި ތަންފީޒުކުރަން ޖެހޭނީ ހަ މަހާއި 20 ދުވަސް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރިޔާޒާއެކު މީގެ ކުރިން ކަސްޓަމްސްގެ އެހެން މުވައްޒަފަކުވެސް ސަސްޕެންޑް ކުރިއެވެ.

މި މައްސަލައާ ގުޅިގެން އަލަމްގިރިގެ މައްޗަށް ފުރަތަމަ އިއްވި ދައުވާތަކަށް 7 މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެއަށްފަހު އޭނާގެ މައްޗަށް އުފުލި 40 ދައުވާއިން ވަނީ އިތުރު 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަލަމްގީރް ވެސް ވަނީ އެ ހުރިހާ ދައުވާތަކަށް އިއުތިރާފްވެ، މާފަށް އެދިފައެވެ. އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ.

މީގެ އިތުރުން ގާނޫނީ ވަކީލު ނާޒިމް އަބަދުއްސައްތާރުގެ މައްޗަށް ވަނީ 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފައެވެ.