ސޯމާލިއާގެ މޮގަދިސޫގެ ތައުލީމާ ބެހޭ ވުޒާރާއަށް އަމާޒުކޮށް ދިން ކާރު ބުމުގެ ހަލާތަކެއްގައި 100 މީހަކު މަރު 300 އެތައް މީހަކު ޒަހަމް ވެއްޖެއެވެ.
ހަމަލާ ދިނީ ހަތިޔާރު އެޅި އަލް ޝަބާބު ޖަމާއަތުން ކަމަށް ތުހުމަތު ކުރައްވާ ސޯމާލިއާގެ ރައީސް ހަސަން ޝައިހު މުހައްމަދު ވިދާޅުވީ ކާރު ބޮމުގެ 2 ބޮން ގޮއްވާލި ކަމަށާއި މަރުވި މީހުންގެ އަދަދު މައްޗަށް އެރުން އެކަށީގެންވާ ކަމަށެވެ.
ހަމަލާ ދިން ސަރަހައްދަށް ވަޑައިގެން ސޯމާލިއާގެ ރައީސް ވިދާޅުވީ، ކާރު ބޮމުގައި މަރުވި މީހުންގެ ތެރޭގައި އާންމު މަސައްކަތަށް ނުކުމެ އުޅުނު މީހުންނާއި ސްކޫލަށް ގޮސް އައިސްވި ދަރިވަރުންނާއި އަންނެހުނުންނާއި ތުއްތު ކުދިންވެސް ހިމެނޭ ކަމަށެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާން ސޯދިގް ދޫދުސީ ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި ތަފާތު ބޭނުންތަކަށް ނުކުމެ އުޅުނު މީހުންގެ ތެރޭގައި ބަލި މީހުންވެސް ހިމެނޭ ކަމަށާއި އަދި ނޫސްވެރިއަކުވެސް މަރުވި ކަމަށެވެ.
ފުރަތަމަ ގޮވުން ސީދާ މިނިސްޓްރީ އަށް އަމާޒު ވި އިރު ދެވަނަ ގޮވުން ގޮވާފައި ވަނީ ޒަހަމްވި މީހުން ބަލައި އެމްބިއުލާންސާއި އޮފިޝަލުން ދިޔަ ވަގުތުއެވެ.
އެސޯސިއޭޓަޑް ޕްރެސް އިން ރިޕޯޓު ކޮށްފައި ވާ ގޮތުގައި މަރުވި މީހުންގެ ހަށިގަނޑުތައް ހުރީ ކުނޑި ކުނޑި ވެފައެވެ. އެ ގޮވުމުގެ ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި ހުރި ރޮއިޓާސްގެ ނޫސްވެރިއަކު ބުނީ، ދެ ގޮވުންވެސް ގޮވީ ދާދި ގާތްގައިތުގައި ކަމަށާއި ގޮވިލެއް ބާރު ކަމުން ކައިރީގައި ހުރި އިމާރާތްތަކުގެ ދޮރުތަކުގެ ބިއްލޫރިތައްވެސް ފުނޑުފުނޑުވެގެން ފޭބި ކަމަށެވެ. އަދި މުޅި މަގުމައްޗާއި އިމާރާތްތައް ކައިރީގއި އޮތީ ކުނޑިކުނޑި ވެފައި ވާ ހަށިތަކާއި ލޭ ކަމަށެވެ.
މިހަމަލާ ސޯމާލިއާގައި ހަރަކާތްތެރިވާ އދ ގެ މިޝަނުން ކުށްވެރި ކޮށްފައި ވާ އިރު ތުރުކީ އާއި ގަތަރުންވެސް ވަނީ މިހަމަލާ ކުށްވެރި ކޮށްފައެވެ.
ހަބަރުތައް ބުނާ ގޮތުން، މި ބޮން ވެސް ގޮއްވާލާފައި ވާ ސަރަހައްދަކީ، ސޯމާލިއާގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ ބޮން 2017 ގައި ގޮއްވާލި ސަރަހައްދެވެ. އެފަހަރު 500 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
ސޯމާލިއާއަކީ ދިގުލީ ދާހިލީ ހަނގުރާމައެއް ހިނގަމުން އަންނަ ގައުމެކެވެ. އެ ގައުމުގައި ހަނގުރާމަ ކުރަމުން ދަނީ އަލްގައިދާ އިން ވާގިވެރިވާ އަލް ޝަބާބް ޖަމާއަތާއި ސަރުކާރެވެ. ޝަބާބު ޖަމާއަތުން ބޭނުން ވަނީ މައި ސަރުކާރު ވައްޓާލައި ހަރުކަށި ފިކުރުގެ ވެރިކަމެއް އުފައްދާށެވެ.
އެ ގްރޫޕުން ދަނީ، ސޯމާލިއާގެ ސަރުކާރުގެ އިމާރާތްތަކާއި އަސްކަރީ ތަންތަނުގެ އިތުރުން ހޮޓާތަކާއި ކާރޫބާރު ބޮޑު ސަރަހައްދުރަކަށް ބޮމުގެ ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ދެމުންނެވެ. މިފަދަ އެހެން ހަމަލާއެއް ހަޔާތު ހޮޓަލަށް އަމާޒުކޮށް މީގެ ކުރިން ދީފައި ވާ އިރު އެ ހާދިސާގައި 20 މީހަކު މަރުވިއެވެ.