ތިމާ އަކީ އަނެކުންނަށް އަޅާލުމާއި އޯގާތެރިކަން ދޭ މީހަކަށް ވެއްޖެ ނަމަ، ތިމާ އުޅޭ މުޖުތަމައަކީ އުފާވެރި މުޖުތަމައަކަށް ބަދަލުވެގެން ދާނެ ކަމަށް، ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މޫސާ މެންކް ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މެންކް މިދިޔަ ހުކުރު ދުވަހުގެރޭ އަލިމަސް ކާނިވާގައި ދަރުސް ދެއްވުމަށް ފަހު، އިއްޔެ ވަނީ ފުވައްމުލަކަށް ވަޑައިގެންފައެވެ. އެ ސިޓީގައި ރޭ މެންކް ދަރުސް ދެއްވާފައި ވަނީ "އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަން،" މި މައުޟޫއަށެވެ.
ރޭ ދެއްވި ދަރުހުގައި މެންކް ފާހަގަކުރެއްވި ގޮތުގައި، ގިނަ މީހުންނަކީ އަނެކާގެ އިހްސާސްތަކަށް ފަރުވާ ބަހައްޓާ ބަޔަކަށް ނުވާތީ އަމިއްލަ އާއިލާ އާ އެކު އުޅުމަށް ގިނަ މީހުން ނުރުހެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ތިމާ އަކީ އެފަދަ މުޖުތަމައެއް ބަދަލުކޮށްލަދޭނެ އޯގާތެރި މީހަކަށް ވެއްޖެ ނަމަ، އެ މުޖުތަމައެއް އުފާވެރި މުޖުތަމައަކަށް ބަދަލުވެގެންދާނެއެވެ.
އެހެންކަމުން، މުފްތީ ނަސޭހަތްތެރިވެ އިރުޝާދު ދެއްވާފައި ވަނީ:
- އެހެން މީހުންނަށް އޯގާތެރި، ހިތްހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުމަށް
- އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް
މެންކް ވިދާޅުވީ، ހަމަ އެކަނި ވާޖިބެއް ކަމަށް ދެކިގެން ނަމާދުކުރާ ނަމަ އެއްވެސް ބަރަކާތެއް ނުލިބޭނެ ކަމަށާއި، ނަމާދުގައި ބަރަކާތް ލައްވައި، ބާއްޖަވެރި މީހަކަށް ވާނީ ކިޔަމަންތެރިކަމާއި ހުޝޫއަތްތެރިކަމާ އެކު މާތް ﷲ އަށް ބިރުވެތިވެ، ނަމާދު ގާއިމްކުރުމުން ކަމަށެވެ.
ހަމަ އެއާއެކު، މާތް ﷲ އަޅަކު ދެކެ ލޯބިވެވޮޑިގެންނަވާ ނަމަ، އެ މީހަކަށް އިމްތިހާންތަކާ ކުރިމަތިކުރައްވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންސާނާގެ އަމަލުތައް ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށް ކަން ފާހަގަކުރައްވައި މެންކް އިރުޝާދު ދެއްވީ ހެޔޮ ކަމެއް ކޮށްދިނުމުން އެކަން ބަލައިނުގަތަސް ދެރަނުވުމަށެވެ. އޭގެ ބަދަލުގައި މާތް ﷲ ތިމާ އަށް ދެއްވަން ހުރި ދަރުމަ އަށް ވިސްނައި ގިނަގިނައިން ދުއާ ކުރުމަށާއި ގިނަގިނައިން ހިނިތުންވުމަށް ވެސް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ފަހު، މެންކް މިރޭ ދަރުސް ދެއްވާނީ އައްޑޫގައެވެ. އެއަށް ފަހު މާދަމާރޭ ހުޅުމާލޭގައި މެންކް ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.