އިންޑިއާއަކީ ތަފާތު ނަސްލުތަކާއި ތަފާތު ތަގާފަތްތަކުގެ ބިލިއަނަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ ގައުމެކެވެ. އެ ގައުމުގެ އެކި ޝަހަރުތައް މަޝްހޫރީ އެކި ކަންކަމަށެވެ.
އިންޑިއާގެ ފީރޯޒްއާބާދަކީ އެފަދަ ތަފާތު ސިޓީއެކެވެ. މުޅި އިންޑިއާއަށް ފޯރުކޮށްދޭ، ބިއްލޫރީގެ ތަފާތު ގަހަނާއިން ފެށިގެން ޒީނަތްތެރި ކުރުމަށް ބޭނުން ކުރާ ޗާންދަލިޔާތައް އުފައްދާ އިންޑިއާގެ ބިއްލޫރީގެ ސިނާއަތުގެ 70 ޕަސެންޓް ހިއްސާ ކުރާ ސިޓީއެވެ.
އެ ސިޓީގެ ހުރިހާ މަގެއް، މާރުކޭޓު ސަރަހައްދެއް ފުރިފައި އޮންނަނީ ޒީނަތްތެރިވުމަށް އަޅާ ތަނޑައި، އަނގޮޅިއާއި ފަށާ އެހެން ގޮސް ބިއްލޫރީގެ ތަފާތު ތަކެތިންނެވެ. ތަފާތު ކުލަތައް ޖައްސައި ތައްޔާރު ކުރާ މި ގަހަނާތަކުން ދޭ ހާއްސަ ވިދުމެއްގެ ވާހަކަ ނޫސްތަކުން ވަނީ ހާގަ ހޯދާފައެވެ.
ގަހަނާތަކުން އެ ދޭ ރީތި ތަފާތު ވިދުމަކީ، އޭގެ ބޭރުގައި ލާފައި ހުންނަ ރަނާއި ރިހީގެ ކޯޓުން އުފައްދައިދޭ ރީތިކަމެއް ކަމަށް ބުނެއެވެ.
ބީބީސީގެ ރިޕޯޓެއްގައި ފާހަގަ ކޮށްފައި ވާ ގޮތުން، ފީރޯޒްއާބާދުގައި އާންމުން ޒަމާންތަކެއް ވާންދެއް ކުރަމުން އަންނަ ތަފާތު މަސައްކަތެއް އޮވެއެވެ. އެއީ، މީހުން ލައި ބާކޮށްފައި ހުންނަ ހެދުން ހޯދުމާއި، ކުނިގޮނޑާއި އެފަދަ އެހެން ތަންތާނގައި ހުންނަ ކުނިބުނި ހޭވުމެވެ. އެ ރިޕޯޓު ބުނާގޮތުން އެމީހުން އެ ކުރާ މަސައްކަތަކީ، ރަނާއި ރިހި ހޯދުމަށް ކުރާ މަސައްކަތެވެ.
ފީރޯޒްއާބާދުގެ ތާރީހުތައް ބުނާ ގޮތުން، އިހުޒަމާނުގައި އެމީހުންގެ ހެދުންތައް ފަރުމާ ކޮށްފައި ހުންނަ އިރު ރިހީގެ ފަށްތަކާއި ރަނުގެ ފަށްތަކުން ވިޔުންތައް ހަދާފައި ހުރެއެވެ. އަދި އެކި ބާވަތުގެ ގަހަނާގައި ރަނާއި ރިހީގެ ކޯޓެއް ދުއްވާފައި ހުރެއެވެ. ޒަމާންތައް ބަދަލުވެ، އެ އަންނައުނުގެ ބޭނުންނެތި މީހުން އެ އުކާލަނީއެވެ.
މިހާރު އަލުން ބަލުން ކުނި ހޮވަނީ، އެ ތަކެތި އަންދައިގެން އޭގައި ހުންނަ ރިހީގެ ފަށްތަކާއި ރަނުގެ ފަށްތަށް ނެގުމަށާއި، ހާއްސަ ގޮތްތަކެއް ބޭނުންކޮށްގެން ގަހަނާތައްވެސް ވިރުވާ، އޭގައި ހުންނަ މައުދަންގެ ކޯޓުތައް ނެގުމަށެވެ. އެއަށްފަހު އެތަކެތި، ހަގަނާ ހަދާ މީހުންނަށް ވިއްކާ، މާ ސިންގާ ވިޔަފާރިއެއް ކުރަމުން ދާ ކަމަށް ބުނެއެވެ. އަދި މިހާރު އެ މަސައްކަތް ކުރާ 150 އަށް ވުރެ ގިނަ ކަޑަ (ކުދި ކުދި ފިހާރަ) ހުރެއެވެ.
ރަނާއި ރިހި ހޯދާ މީހުން ދޮރުން ދޮރަށް ހިނގާ، ބާވެފައި ހުންނަ އަންނައުނު ކޮޅު ހޯދައެވެ. ކުނިބުނި ހާވައެވެ. ގޭގޭގެ ނަރުދަމާ ބަލާ ހަދައެވެ. ފީރޯޒްއާބާދުގެ މި ތަފާތު މަސައްކަތާ ހެދި، މިހާރު އެ ސިޓީ މަޝްހޫރުވަމުން އަންނަ ދެވަނަ ގޮތަކީ ނަރުދަމާގައި ރަން ފެންނަ ސިޓީގެ ގޮތުގައެވެ.