ދަރިން ބުނާ ވާހަކަ އަކީ ކިތަންމެ ހިތްހަމަނުޖެހޭ ވާހަކަ އެއް ކަމުގައި ވިޔަސް، ދަރިން ދައްކާ ވާހަކަތައް މައިންބަފައިން ކަނުލާ އަޑު އަހައި، ވިސްނޭނެހެން ދަރިންނަށް ޖަވާބު ދޭން ޖެހޭނެ ކަމަށް، ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މޫސާ މެންކް ވިދާޅުވެއްޖެއެވެ.

ރޭ އަލިމަސް ކާނިވާ ގައި "ޑިޕްރެޝަން، އެންޒައިޓީ، އަދި ސްޓްރެސް،" މި މައުޟޫއަށް ދެއްވި ދަރުސްގައި މެންކް ވިދާޅުވީ، ބައެއް ފަހަރު މީހުން އެންމެ ބޭނުންވާ ހަމަ އެކަނި އެއްޗަކީ އެ މީހަކު ދައްކާ ވާހަކަތަށް އަޑު އަހާލާނެ މީހެއް ކަމަށެވެ. އެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި، އެފަދަ އެހީ އަކީ އެތައް ހާސް ޑޮލަރަކަށް ވުރެ އަގުހުރި ސަދަގާތަކަށް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

މުފްތީ މެންކްގެ ދަރުސްގައި ބައިވެރިވި ސްކޫލްތަކުގެ ދަރިވަރުން / ފޮޓޯ: ރައީސް އޮފީސް

މައިންބަފައިންގެ ދައުރަކީ ކޮބައިކަން ތަފްސީލުކޮށްދެއްވައި މެންކް ވިދާޅުވި ގޮތުގައި:

  • ދަރިންނަށް އިސްކަންދީ، ދަރިންގެ ވާހަކަތައް އަޑުއެހުމަކީ މައިންބަފައިންގެ ވާޖިބެއް
  • ކިތަންމެ ހިތްހަމަނުޖެހޭ ވާހަކަ އެއް ދަރިން ބުންޏަސް އެ ވާހަކަތައް ކަނުލާ އަޑު އަހަން ޖެހޭ
  • ދަރިންގެ ވާހަކަތައް އަޑުއެހުމަށް ފަހު، ހިކުމަތްތެރިކަމާ އެކު ޖަވާބު ދޭން ޖެހޭ
"ދަރިން ދައްކާ ވާހަކަތައް އަޑު އަހައި، ދޭނެ ޖަވާބެއް ނޭނގޭ ނަމަ، އެހެން މީހަކު ގާތަށް ގޮސް އޮޅުންފިލުވައިގެން ވެސް ދަރިންނަށް ޖަވާބު ދެއްވާ. އަހަރެމެންގެ ފިޔަވަޅުތައް ގިނަ ފަހަރަށް ހުރީ ފަހަތަށް، ސަބަބަކީ [ދަރިން ސުވާލުތައް ކުރިމަތި ކުރާތީ] ބައެއް ފަހަރު "މި ސުވާލު ނުކުރެވޭނެ،" މިފަދައިން ބުނާތީ. އެގޮތަށް ކަންތައްތައް ކޮށްފި ނަމަ، ދަރިންނަށް ޖަވާބު ހޯދޭނީ ނުބައި މީހެއް ގާތުން."
މުފްތީ އިސްމާއީލް މެންކް

އޭނާ ވިދާޅުވީ، މައިންބަފައިން ދަރިންގެ ވާހަކަތަކަށް އިޖާބަ ނުދިނުމުގެ ސަބަބުން ގިނަ ކުދިން ހާސްކަމުގެ ތެރެއަށް ވެއްޓި، ބާކީވެފައިވާ ކަމުގެ އިހްސާސް އެ ކުދިންނަށް ކުރެވޭ ކަމަށެވެ.

އެއާއެކު، މެންކް ފާހަގަކުރެއްވީ ބޭކާރު ބައެއް ކަންކަމުގައި މަޝްއޫލުވުމުގެ ސަބަބުން ދަރިންނަށް އަޅާނުލެވޭ ކަމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އޭގެ ނަތީޖާ އަކީ ކުދިން ކަންކަމުގައި ހާސްވެ، ގޮތް ހުސްވުމެވެ.

"އެހެންވެ އަޅުގަނޑު [މައިންބަފައިންނަށް] މި ގޮވާލަނީ، ދަރިން ދައްކާ ވާހަކަތައް ކަނުލާ އަޑުއެހުމަށް، އެ ކުދިންނަށް ރުޅި އިސްކޮށް "ތި ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫނޭ، މި ތަނުން ދާށޭ" ފަދަ ހަރުކަށި ބަސްތައް ނުބުނުމަށް." މެންކް ވިދާޅުވިއެވެ.

މައިންބަފައިންގެ ކިބައިން މެންކް އެދިވަޑައިގަތީ ދަރިންނާ އެކު ވަގުތު ހޭދަކޮށް ދަރިންނަށް ވަގުތު ދިނުމަށެވެ.